ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭގެ ކާރުކޮޅަށް ގެއްލުންދިން މީހާ ވަރަށް އަވަހަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަސްއޫދު އިމާދު ދާދި ދެންމެ ސޯޝަލް މީޑިއާ ޓުވިޓާގައި ވިދާޅުވީ ހައިކޮމިޝަނަރުގެ ކާރަށް ގެއްލުން ދިނުމުގެ ފިނޑި އަމަލު ހިންގި މީހަކު ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

"އިންޑިއާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ރާޖީވް ޝަހާރޭގެ ކާރަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކުރަން، އެ ފިނޑި އަމަލު ހިންގި މީހަކު ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" މަސްއޫދު ވިދާޅުވެފައިވެ އެވެ.

ހައިކޮމިޝަނަރު ޝަހާރޭގެ ކާރަށް ރޭ ދިން ހަމަލާގައި އެ ކާރުގެ ފަހަތު ބިއްލޫރިގަނޑުން ބައެއް ވަނީ ތަޅާލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ އިންޑިއަން ހައި ކޮމިޝަން ކައިރީގައި ޕާކުކޮށްފައި އޮތް އިންޑިއަން ހައި ކޮމިޝަނަރުގެ ކާރު ކޮޅުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިރުއޮއްސި 18:45ގައި ކަމަށާއި އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ހައިކޮމިޝަންގެ ކުރިމަތީ، ޕާކުން ޒޯން ބޭރުގައި ޕާކުކޮށްފައި އޮތް ހައިކޮމިޝަނަރުގެ ޑިޕްލޮމެޓިކް ބޯޑު ޖަހާފައިވާ މާސެޑީޒް ބެންޒް ކާރުގެ ފަހަތު ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖެހުމުން މެދުން ވަނީ ބާގަނޑެއް ހެދިފަ އެވެ.

ފުލުހުން ބުނީ ހައި ކޮމިޝަނަރުގެ ކާރު ކޮޅުގެ ބިއްލޫރިގަނޑު ތަޅާލި އަމަލު މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންމެ ހަރުކަށި އިބާރާތުން ކުށްކުރިވެރި ކުރާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެ އެވެ.

"މިފަދަ މަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރައްވާ ފަރާތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ދަންނަވަން." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.