އާ ޤާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވުނު ފުރަތަމަ ސަރުކާރަށް 2 އަހަރު ފުރެނީއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފުލް ގިޔަރަށް ބަދަލުވާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ހޮޅި ނަގާފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ތެރޭންވެސް ޕާޓީތަކުން ޙާޞިލް ކުރަން ބޭނުންވާނެ އެއްކަމަކީ ރިޔާސީ އިންތިޚާބު ވަކަރަށް ޖަހާލުމެވެ. ރާއްޖޭގެ ސިޔާސީ ވެށި އެހާވެސް ނާޒުކެވެ. ވެރިކަމުގެ ލައްޒަތުގެ ފޮނިކަން އެހާވެސް މީރެވެ. ބާރާއި ޖާހު އެހާވެސް މަތިވެރިއެވެ.


ދިވެހިންގެ ތަފާތު ފަންތިތަކާއި ގިންތިތަކުގެ މީހުންވެސް ޤަބޫލުކުރާ ގޮތުގައި ވެރިކަން ހޯދުމުގެ ކެރި ކުޅަދާނަކަން ލިބިއޮތީ ހަމައެކަނި ބޮޑު ދެ ޕާޓީއަށެވެ. އެމްޑީޕީ އަށާއި ޑީއާރްޕީ އަށެވެ. ޕާޓީ ތަކުގެ މެންބަރުންގެ އަދަދަށާއި ނަގާކިޔަންތިބި ލީޑަރުންނާއި މަޖިލިސް މެންބަރުންގެ އަދަދަށް ބަލާލާއިރު އެގޮތަށް ޤަބޫލު ނުކުރެވެންވީ މާބޮޑު ސަބަބެއްވެސް ނެތެވެ. ރާއްޖޭގައިވެސް އޮންނާނީ އެމެރިކާގައިވެސް އޮތްފަދަ ބޮޑު ދެ ޕާޓީ ގެ ނުފޫޒު ކަމުގައި ޤަބޫލުކޮށްލާކަން އެހާ އުނދަގުލެއް ނޫނެވެ.


އެކަމަކު ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާތައް ދިރާސާކޮށް، އެދެ އިންތިޚާބުގައި ކުރެވުނު ކެންޕޭންތަކުގެ ވީޑިއޯތައް ބަލާލާ، ޕާޓީތަކުން ބޭނުންކުރި އުކުޅުތައް ވަޒަން ކޮށްލާއިރު، އެހެން މަންޒަރެއްވެސް ފެންނަން އެބައޮތެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ތެރެއިން ރައްޔިތުންގެ ހާސްކަން ފިލުވައިދީ، އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭން ބޭނުންނަމަ، އެހެން މަންޒަރެއް ހޯދަންވެސް އެބަޖެހެއެވެ. އަލުން ބަލުން ކުރަހައިގެން ކަމަށްވިޔަސް އެންމެ ރަނގަޅެވެ.


އަނބި މީހާއާއިމެދު ހިތްހަމަ ނުޖެހޭތީ އަޅުގަނޑުގެ ރައްޓެއްސަކު ދެވަނަ ކައިވެންޏެއް ކުރިއެވެ. އެކަމަކު ކަންކަންވީ އިތުރަށް  ގޯހެވެ. ގޮތްހުސްވެ، ރައްޓެހިންގެ ގޭގޭގައި ނިދާ ހިސާބަށް ދިއުމުން ރައްޓެއްސަކު ލަފާދިނީ ތިން ވަނަ މީހަކާ ވެސް އިނުމަށެވެ. ރަޙްމަތްތެރިޔާގެ ލަފާ ގަބޫލުކޮށް ތިންވަނަ މީހަކާ ވެސް ކައިވެނިކުރިއެވެ. ކުރެވުނު ތަޖުރިބާއިން ދެ އަނބިން ވެސް ފޭލްވެފައިވާތީއެވެ. އެހާ ހިސާބުން މުޅި މަންޒަރު ބަދަލުވެއްޖެއެވެ. ތިން އަނބިންގެ ފަރާތުންވެސް ރަނގަޅަށް ލޯބި ލިބެން ފެށިއެވެ. މެޖޯރިޓީގެ ތާއީދު ހޯދުމަށް ތިން އަނބިން ތިން އަނބިންނަށް މަޝްވަރާކޮށް ގުޅިގެން އުޅެން ފެށިއެވެ. ފިރިމީހާއަށް ބޭނުންވާ ކަންކަން އެކަކަށްވުރެ ރަނގަޅަށް ކޮށްދެވޭތޯ އަނެކަކު އުޅެންފެށުމުން، އުއްމީދުވެސް ނުކުރާފަދަ ހާސްކަންކުޑަ، އުފާވެރި ދުވަސްތަކެއް އޭނާއަށް ފެނިގެން ދިޔައެވެ.


ބައެއް ރަށްރަށުގައި ދެ ޖަމްޢިއްޔާ އުފެދުމުންވެސް އެފަދަމައްސަލަތައް ދިމާވެއެވެ. ނަމަވެސް ތިންވަނަ ބަޔަކު އުފެދުމުން ޖަމްއިއްޔާ ތަކުގެ މެދުގައި އޮންނަ ދުޝްމަންކަން ކެނޑި، އެކުވެރިކަމާއިއެކު އޮންނަ ވާދަވެރިކަމަކަށް ބަދަލުވެއެވެ. އެވާދަވެރިކަން ބިނާވެފައި އޮންނަނީ ރަށަށް ގިނަކަންތައް ކޮށްދީ ރައްޔިތުންގެ ރުހުމާއި ލޯބި ހޯދުމުގެ މައްޗަށެވެ.


ރާއްޖޭގެ ސިޔާސީ މަސްރަޙްވެސް މިއަދު މިއޮތީ ދެންނެވުނު ހަމަ ތަކުގެ މަތީގައެވެ. ބޭނުންހާ ގޮތަކަށް ވެރިކަން ކުރަން އެއްބަޔަކަށް 30 އަހަރު ލިބުނުއިރުވެސް ރައްޔިތުންނަށް ނުފުދިހުރި ބޭނުންތަކުގެ ލިސްޓު ދިޔައީ ދިގުވަމުންނެވެ. ރައްޔިތުންގެ ނުރުހުމާއި ޝަކުވާތައް ދިޔައީ އިތުރުވަމުންނެވެ. އެންމެފަހުން އެހެން ގޮތެއް ނެތިގެން، ރައްޔިތުން އެހެން މީހަކު (ބަޔަކު) ވެރިކަމަށް ގެނައެވެ. ނަމަވެސްއެކަމުން ލިބުނު މާބޮޑު މޮޅެއް ނުފެނުނެވެ. އޭގެ ބަދަލުގައި ނަގައިގަތް ވެރިންނާއި ތިބި ވެރިންގެ ކޯޅުމުގެ ހުޅު ފަޅައިގެން ދިޔައީއެވެ. މުޅި ޤައުމަށް އެކަމުގެ ނުރަނގަޅު އަސަރުތައް ކުރަން ފެށީއެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރަން ފެށީއެވެ. އެއްބަޔަކު ތަންތަން ބަލަންފެށީ ހަމައެކަނި ނޫކުލައިންނެވެ. އަނެއް ބަޔަކަށް ރީނދުލެވެ. ފެއްސާއި ރަތާއި ހުދުގެ އަސަރުވެސްނެތި ފިލައިގެން ދިޔައީއެވެ.


ޤައުމަށް ހެޔޮއެދޭ ބަޔަކު ނުކުމެ ރީނދުލާއި ނުލުގެ މަސްތުން ދިވެހިން މިންޖުކުރަން ވެއްޖެއެވެ. އެފިކުރަށް ތާއީދުކުރާ ސިޔާސީ ލީޑަރުން ހަރުތަކުން ނުކުމެ، ރައްޔިތުންގެ ޒައާމަތު ނަގަހައްޓަން ވެއްޖެއެވެ. ދިވެހިންތިބީ ނޫވެފައި ނުވަތަ ރީނދޫވެފައި ނޫންކަން ސާބިތުކޮށްދޭން ވެއްޖެއެވެ. ފެއްސާ ރަތާއި ހުދުގެ ބެނާ ތަކާއި ދިދަތަކުން ދިވެހި ފަޒާއަށް ދިރުން ގެނެސްދޭން ވެއްޖެއެވެ. ޤައުމު މިއަދު އެދެނީ އެފަދަ ލީޑަރަކަށެވެ. ނުވަތަ ލީޑަރުންތަކަކަށެވެ.


ބޮޑު ދެ ޕާޓީ ތެޅި ހަފުސްވާން ދޫކޮށްލާށެވެ. އެމީހުން އެގޮތް ބޭނުންވާ ނަމައެވެ. ނުކުމެ ބަލާލުމުން ދިވެހި އުދަރެހުން ރީނދުލާއި ނޫ އެކަނި ފެނުނަސް ދިރާސާގެ ނަޒަރަކުންވެސް ބަލާލާށެވެ. ފެއްސާއި ރަތާއި ހުދުގެ ވިލާތައް އުދަރެހުގައި އަދިވެސް މާގިނައެވެ. ނަމަވެސް އެވިލާތައް ހުރީ އަނެއް ދެކުލައިގެ ވިލާތަކުގެ ފުރަގަހަށް ގޮސް ނިވާވެފައެވެ.


މި ޤައުމުގެ ހެވަށްޓަކައި ޤާސިމާއި ޙަސަން ނުނުކުންނަވަންވީ އެއްވެސް ސަބަބެއް ނެތެވެ. ނުނުކުންނަވާނެ ސަބަބެއްވެސް ނެތެއެވެ. އެ ދެބޭފުޅުން ނިސްބަތްވާ ދެ ޕާޓީގެ ދިދައާއެކު ނުކުތުމުން އެނިކުމެވުނީ ޤައުމީ ކުލަތަކާއިވެސް އެކުގައެވެ. ކުދި ޕާޓީ ތަކުގެ ދައުރެއް މިހާރުދެން ނެތްކަމުގައި ބޮޑެތި ޕާޓީތަކުން އެބުނާ ބުނުމުގައި އެއްވެސް ބުރަދަނެއް ނެތެވެ. އެކަމުގައި ޙަޤީޤަތެއް އޮތްނަމަ މިއަދުވެސް ވެރިކަމުގައި ހުންނެވީހީ މައުމޫނެވެ. ނަޝީދެއް ނޫނެވެ. ވެރިކަމަށް ހޮވުމަށްފަހު ނަޝީދު ވިދާޅުވީ ރަނގަޅަށެވެ. "ރައްޔިތުންގެ ބަސް ވަރަށް ސާފެވެ. ކަލޭ އެކަނި ތިކަން ކުރަން ނޫޅޭށެވެ. (ޤާސިމާއި ޙަސަންވެސް ގޮވައިގެން ކުރާށެވެ)."


ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުން އެމްޑީޕީ ގެ ނަޝީދަށް 44293 ވޯޓު ލިބުނުއިރު ޤައުމީ ޕާޓީގެ ޙަސަން އަށް 29633 ވޯޓު ވަނީ ލިބިފައެވެ. އެ ދެބޭފުޅުންގެ ވޯޓު އެއްކޮށްލުމުން، ފުރަތަމަ ބުރުގައި ނަޝީދަށް ލިބުނު ވޯޓަށްވުރެ 12396 ވޯޓު އިތުރުވެއެވެ. ދެހާސް އަށް ވަނަ އަހަރުގެ އިންތިޚާބުގައި ޤާސިމާއި ޙަސަން ގުޅިގެން ނުކުންނެވިނަމަ، ރައީސްކަމުގައި މިއަދު ހުންނެވީހީ އޭގެ ތެރެއިން ބޭފުޅެކެވެ. އެއްބަހެވެ. ނަމައެއްގައި ކެކޭނެ ރިހައެއް ނޯންނާނެއެވެ. އެކަމަކު ނަމަ އުފެދިގެންއައި ޙަޤީޤަތް އަދިވެސް އެބައޮތެވެ.


މި ތިއަރީ ޤަބޫލުނުކުރާނެ ފަރާތްތައް މަދެއްނުވާނެކަން އަޅުގަނޑަށްވެސް އެނގެއެވެ. އެފަދަ ބޭފުޅުންގެ ވިސްނުމުގައި، ރިޔާސީ އިންތިޚާބާއިއެކު ޤާސިމާއި ޙަސަން ވަނީ ގެއްލި ހިމޭން ވެފައެވެ. އެބޭފުޅުންގެ ސިޔާސީ ޙަޔާތުގައި ބާކީދެންއޮތީ މޫނުކަފަ އެޅުން އެކަންޏެވެ. އެހެންނަމަވެސް އެފަދަ ވާހަކަތައް ސާބިތުކޮށްދޭނެ ހަރުދަނާ ހެއްކެއް ދެއްކޭކަށް ނެތެވެ. ނިމިގެންދިޔަ އިންތިޚާބުގައިވެސް އެ ދެބޭފުޅުން ރިޔާސީ ރޭހަށް ނުކުންނެވީ ވަރަށް ފަހުންނެވެ. އެކިގޯޅި އަޅުއްވަމުން، އެކިކުޅި ކުޅުއްވަމުން ގެންދެވުމަށް ފަހުއެވެ. ކަން އެމަގަށް ހުރުމާއިއެކުވެސް، އެބޭފުޅުންނަށް ހޯދުނު ވޯޓުގެ ނިސްބަތް އެއޮތީ ހާމައަށް ފެންނާށެވެ. މައިދާނަށް ނުކުމެ ހަށި ފޮޅާލުމުން މިއަދުވެސް އެބޭފުޅުންގެ ފަހަތަށް ހަމަ ކުރިންވެސް އައި "ބާރުތަކާއި ރޫޙުތައް" އައިސް ޖަމާވާނެއެވެ. އޭރު އެބޭފުޅުންގައި ހުރިއްޔާ ހުރި ޖަޒުބާތެއް މިއަދުވެސް ހަމަ ބަރާބަރަށް އެބަހުއްޓެވެ.


މައުމޫނު (ޑީއާރްޕީ) ގެ ވެރިކަމަށްފަހު ނަޝީދު (އެމްޑީޕީ) ވެރިކަންވެސް ރައްޔިތުން ތަޖުރިބާ ކޮށްފިއެވެ. ރައްޔިތުންގެ ހާސްކަމެއް ނުފިލިއެވެ. ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހެއެވެ. ފާޑެއްގެ ލޮޅުމެއް އަރާލިޔަސް މަސްތުވާ ތަކެތީގެ ޙާލަތު އެހެރަގެން ހަމަ "ފައްކާ" ވަނީއެވެ. ގެދޮރުގެ ދަތިކަން ވިއްޔާ ވީ ބޮޑެވެ. ބޮޑު އަގުގައިވެސް ޑޮލަރު ލިބޭކަށްނެތެވެ. ދަރިވަރުންނަށް ދޭންފެށި ފޮތްކޮޅު އަލުން އަތުލައިގެން ވިއްކާ ވަރަށް އިޤުތިޞާދުވަނީ ދަށްވެފައެވެ. ކުށްވެރިންނާއި، ޚިޔާނާތްތެރިންގެ "ރައްކާތެރި ސުވަރުގެއަކަށް" ރީދޫކުލަވެސް ބަދަލުވެ ނިމިގެން ދަނީއެވެ.


މީގެ ދެތިން އަހަރުކުރިން ބަދަލެއް ބޭނުންވެގެން ނުކުތް މީހުން، ގެނެވުނު ބަދަލާއިމެދު މާޔޫސްވެ "އަދި އެއް ބަދަލު" ގެ ޕްލެޓްފޯމަކަށްއެދި ބޯތައް ދިއްކުރަނީއެވެ. މިޙާލަތުގައި، ޖުމްހޫރީ ޕާޓީއާއި ޤައުމީ ޕާޓީގުޅިގެން، ކުދި ޕާޓީ ތަކުގެ ގުޅިފައިވާ ޕްލެޓްފޯމެއްގައި ނުކުމެއްޖެނަމަ ވާނެގޮތް ހިތަށްގެންނަން އަޅުގަނޑަށް ވަރަށް ފަސޭހައެވެ. އަމުދުން، ކުދި ޕާޓީތަކުގެ ގުޅިފައިވާ އިއްތިހާދުގައި އަދާލަތާއިއެކު ޤައުމީ އިއްތިހާދުވެސް ބައިވެރިވެ، "އެމްއެންޕީ" (މިނިވަން ނަޝީދު ޕާޓީ) ވެސް ހިމެނިއްޖެނަމަ 2013 ވަނަ އަހަރުގެ ދެވަނަ ބުރު ގެރެންޓީވާނެ މިންވަރުކަމުގައިވާ 75000 ވޯޓު ހޯދުން އެއީ އެއްގޮތަކަށްވެސް ނުވާނެ ކަމެއްނޫނެވެ. އެއަދަދު ހަމަކުރުމަށްޓަކައި، ނިމިގެންދިޔަ އިންތިޚާބުގައި އެދެބޭފުޅުންނަށް ލިބުނު ވޯޓުގެ ޖުމްލައަށް އިތުރުވާން ޖެހެނީ އެންމެ 18000 ވޯޓެވެ. 5 އަހަރުގެ ތެރޭގައި ވޯޓު ލުމުގެ ޙައްޤު އަލަށް ލިބޭނެ 40000 މީހުންގެ ތެރެއިން އެކަނިވެސް އެއަދަދު ހަމަކޮށްލެވޭނެއެވެ. ބޮޑު ދެޕާޓީ ކިތަންމެ ބޮޑުކަމަށް ދެއްކިޔަސް އެދެޕާޓީގައިވެސް ތިބީ ޖުމްލަ 80000 މެންބަރުންނެވެ. އެއީ ވޯޓުލާ އާބާދީގެ ގައިތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. އެއީވެސް ދަމާ ފޫގަޅައިގެން، ސަބުސިޓީއާއި އެހެންވެސް އެހީގެ ފޯމުތަކާއިއެކުވެސް އިނގިލީގެ ނިޝާން ޖަހާނެ އިތުރު ފޯމެއްވެސް ދީގެން ކުރެވުނުވަރެވެ. އިންތިޚާބުގެ ދެވަނަ ބުރާއިހަމައިން ވާނެގޮތް ބުނާކަށް ނުޖެހެއެވެ.


މަތީގައި ފާހަގަ ކުރެވުނު ޙަޤީޤަތްތަކުގެ އަލީގައި ވިސްނާއިރު، 2013 ގެ ރިޔާސީ އިންތިޚާބު ކުޑަޕާޓީއެއްގެ ލީޑަރު ކާމިޔާބު ކުރުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ކުޑައެއް ނޫނެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ނުވާނޭ ނުބުނާށެވެ. އޭރުން އަދި ކުރިމަތިލާނީ މާބޮޑު ފޯރިއެއްގައެވެ.  ވުމުން ލަދުގަންނާނީ ދެރަދިން މީހުންނެވެ.