ޖަރުމަން ލީގުގައި ބެޔާ ލެވަކޫސަން 2-1 އިން ހޮފްންހައިމް އަތުން މޮޅުވި މެޗުގައި ލެވަކޫސަންގެ ސްޓެފަން ކީސްލިން ކާމިޔާބުކުރި ލަނޑަކީ "ގޯސްޓް ގޯލް" އެއް ކަމަށް ބުނެ މެޗުގެ ނަތީޖާ ބަދަލު ކޮށްދިނުމަށް އެދި ހުށަހެޅި ނަމަވެސް އެއީ ރަނގަޅު ގޯލެއް ކަމަށް ޖަރުމަނުގެ ފުޓްބޯލް އެސޯސިއޭޝަން (ޑިއެފްބީ) އިން ނިންމައިފި އެވެ.

ޑީއެފްބީއިން ހޯމަ ދުވަހު ބުނެފައިވަނީ، މި މަހުގެ 18 ވަނަ ދުވަހު ހޮފްންހައިމްގެ ދަނޑުގައި ކުޅުނު މެޗުގެ ނަތީޖާއަށް ބަދަލެއް ނާންނަ ކަމަށާއި އެހެން ނަމަވެސް އެއް ހަފްތާ ތެރޭގައި އެމައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ހޮފްންހައިމް އަށް ދީފައިވާ ކަމަށެވެ.

މައްސަލަ ޖެހުނު މެޗްގެ 70 ވަނަ މިނިޓްގައި ޖަރުމަން ފޯވާޑް ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ކޯނަރަކުން ނެގި ހުރަސް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބޯޅަ ބޮލުން ޖަހައި ގޯލާ ދިމާއަށް ފޮނުވާލުމަށްފަހު، ގޯލަށް އަމާޒު ނުވިކަމަށް ނިންމައި ރަނގަޅު ފުރުސަތެއް ގެއްލުމުން މާޔޫސްކަން ފާޅުކުރުމުގެ ގޮތުން ކީސްލިން ބޮލުގައި އަތްވެސް އެޅިއެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ފެނުނީ، ގޯލްގެ އެއްކޮޅުގެ ދާގަނޑުގައި ޖެހިފައި ދާގަނޑުން ހެދިފައިވާ ބާގަނޑަކުން ގޯލްގެ ތެރެއަށް ވަދެފައި އޮއްވަ އެވެ. އަދި އެ ބޯޅަ ގޯލްގެ ތެރެއަށް ވަނުމުން ރެފްރީ ފެލިކސް ބްރީޗް، އެއީ ގޯލެއް ކަމަށް ނިންމި އެވެ.

ހޮފްންހައިމް އިން ޑިއެފްބީއަށް ހުށަހެޅި އެ މައްސަލައިގައި ފްރެންކްފާޓްގައި 90 މިނިޓްގެ އަޑުއެހުމަށްފަހު މައްސަލަ ބެއްލިވި ޑީއެފްބީގެ އިސް ޖަޖް ހަންސް އީ ލޮރެންޒް ވިދާޅުވީ، މައްސަލައިގައި ނަތީޖާއަށް ބަދަލު ގެންނަން ޖެހޭވަރުގެ ކަންތައްތަކެއް ހޮފްންހައިމް އަށް ހުށަހެޅިފައި ނުވާތީ، އެ ނަތީޖާ ބަދަލު ނުވާނެ ކަމަށް ނިންމީ ކަމަށެވެ.

ލެކޫސަންއަށް މި ލިބުނު އަގުބޮޑު ތިން ޕޮއިންޓާއެކު އެ ޓީމު ލީގުގައި އޮތީ، ޗެމްޕިއަން ބަޔާން މިއުނިކާއި، ބޮރޫޝިއާއި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްގެ ފަހަތުން ތާވަލުގެ ތިންވަނައިގަ އެވެ.