މެޑްރިޑް (އޮކްޓޯބަރ 29): އެމެރިކާ އިން ސްޕޭނާ ދެކޮޅަށް ހިންގަމުން ގެންދާކަމަށް ބެލެވޭ ޖާސޫސީ ހަރަކާތްތަކާ ގުޅިގެންމެޑްރިޑްގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޭމްސް ކޮސްޓޮސް ސްޕޭންގެ ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފި އެވެ.

ސްޕޭންގެ ޚާރިޖީ ވުޒާރާ އަށް ހާޒިރުކުރުމަށް ފަހު އެމެރިކާގެ ސަފީރުގެ ކިބައިން އެދުނީ ސްޕޭނަށް އަމާޒުކޮށްގެން އެމެރިކާ ކުރިޔަށްގެންދާ ކަމަށް ބެލެވޭ ޖާސޫސީ ހަރަކާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި އެކަމުގެ ތަފްސީލް ދިނުމަށެވެ. ސްޕޭންގައި އިއްޔެ ޝާއިޢު ކުރެވުނު މީޑޔާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ވަނީ ސްޕޭންގެ ރައްޔިތުންނާއި ސަރުކާރުގެ މަސްއޫލުވެރިންގެ 60 މިލިޔަނަށް ވުރެ ގިނަ ފޯންކޯލްތައް އެއް މަސްދުވަހުގެ ތެރޭގައި ސިއްރިޔާތުގައި އަޑުއަހައި ފުޅާދާއިރާއެއްގައި ޖާސޫސުކޮށްފަ އެވެ.

މިމައްސަލާގައި ސްޕޭންގެ ބޮޑުވަޒީރު މަރިޔާނޯ ރޮޚޯއި ވަނީ އެމެރިކާގެ މިޢަމަލަކީ ހަގީގަތެއް ނަމަ މިއީ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އިތުބާރު ގެއްލި ދެގައުމުގެ ގުޅުންތައް ގޯސްވެގެން ހިނގައިދާނެ ކަމެއް ކަމުގެ އިންޒާރު ދެއްވާފަ އެވެ. ސްޕޭނާ ދެކޮޅަށް އެމެރިކާ ހިންގަމުންގެންދާ ޖާސޫސީ ހަރަކާތްތަކުގެ މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާގެ އެންމެ ބޮޑު ޖާސޫސީ އިދާރާ ކަމަށްވާ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ދުނިޔޭގެ 35 ގައުމެއްގެ އިސްވެރިންގެ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއަހައި ޖާސޫސުކޮށްފައިވާ މައްސަލަ ބޭޒާރުވެ އެކަމަށް އެއެޖެންސީން އެއްބަސް ވެސް ވެފައިވަނިކޮށެވެ. ދުނިޔޭގެ ލީޑަރުންނަށް އަމާޒުކޮށްގެން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން މިޖާސޫސީ ހަރަކާތްތައް ހިންގާފައި ވަނީ ރައީސް ބަރަކް އޮބާމާއަށް ވެސް އެނގިވަޑައިގެން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަމުންގެން ދާތީ މިމައްސަލާގައި އެމެރިކާ އާއި ޔޫރަޕްގެ ގުޅުންތައް ވަނީ ވަރަށްބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

ސްޕޭންގެ އިތުރުން ފަރަންސޭސިވިލާތާއި ޖަރުމަނުން ވެސް ވަނީ އެމެރިކާގެ ޖާސޫސީ ހަރަކާތްތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މިމައްސަލާގައި މިއިން ކޮންމެ ގައުމަކުން ވެސް ވަނީ އެގައުމެއްގައި ހުންނަވާ އެމެރިކާގެ ސަފީރު ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށް މިކަމާބެހޭ ގޮތުން ސުވާލުތަކެއްކޮށް އެމެރިކާގެ މިއަމަލުތަކާމެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ. (ރޮއިޓާސް)