ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސް ފަށައިފި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އާޒިމާގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވެވަޑައިގުމަށް މަޖިލީހުން ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް އެ ސިޓީއަކަށް ޖަވާބުދެއްވާފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އާޒިމާގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ އިއްޔެ އަށެވެ. ނަމަވެސް އެކަމާ އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ މަޖިލީހަށް ހާޒިރުނުވެވޭނެ ކަން މަޖިލީހަށް ވަނީ އަންގަވާފަ އެވެ. ނަމަވެސް މިއަދު މަޖިލީހަށް ހާޒިރުވެވެން ނެތް ކަމެއް އާޒިމާ ވިދާޅު ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އާޒިމާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ. އާޒިމާގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ގިނަ ސަބަބުތަކެއް މޫސަ މަޖިލީހަށް ހުށަހެޅުއްވި އެވެ.

މިދިޔަ މަހުގެ ސެޕްޓެންބަރު 7، 2013،ގައި ޖުމްހޫރީ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބު ތަދައްހުލްވެ، އިލެކްޝަންސް ކޮމިޝަންގެ އަގުވައްޓާލުމަށް މަސައްކަތްކޮށް، ދުސްތޫރީ ޝަރުތުތަކާ ހިލާފަށް ދައުލަތުގެ މަސްލަހަތާއި އާންމު މަސްލަހަތާއި ދެކޮޅަށް އެކަމަނާ ވަކާލާތުކޮށްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިޔާސީ ޕާޓީއަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބު ވަދެ، ވަކި ސިޔާސީ ޕާޓީއެއްގެ މަސްލަހަތު އިސްކޮށް ގާނޫނު އަސާސީން ދުސްތޫރީ މުއައްސަސާތަކެއްގެ ގޮތުގައި އުފައްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނާ ވަކާލާތުކޮށް، އެ މުއައްސަސާގެ އަގުވައްޓާލުމަށް މަސައްކަތްކޮށް، ދުސްތޫރީ ޝަރުތުތަކާ ހިލާފަށް ދައުލަތުގެ މަސްލަހަތާއި އާންމު މަސްލަހަތާއި ދެކޮޅަށް ބަންޑާރަ ނައިބު މަސައްކަތްކޮށްފައިވާ،" އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ބަންޑާރަ ނައިބު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ގޮތުގައި ބާރު ބޭނުން ކުރައްވައިގެން ގާނޫނީ ވެރިކަމެއް ގެނުމަށް ހުރަސް އަޅުއްވާފައިވާ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު އައި ސަރުކާރާ މެދު ގާނޫނީ ސުވާލު އުފެދިފައިވަނިކޮށް އެ ހައިސިއްޔަތާ ގުޅޭ ގޮތުން ކަންތަކެއް ބެލުންތަކެއް ހަމަޖެހިފައިވާ ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ ގޮތަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ފަރުމާ ކުރުމަށް އާޒިމާ މަސައްކަތްޕުޅު ކުރެއްވި ކަމަށް މޫސަ ވިދާޅުވި އެވެ.

"ފެބްރުއަރީ 7، 2012 ވަނަ ދުވަހު ގާނޫނީ ސަރުކާރު ބަދަލުކުރި މައްސަލަ ބެލުމަށް ބައިނަލް އަގުވާމީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުން ޝާމިލްވެގެން މަސައްކަތްކުރެވުނު ހިނދު، އެ ސަރުކާރެއްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދިފައިވާ އެ ސަރުކާރެއްގެ ގާނޫނީ ހައިސިއްޔަތާ ގުޅޭ ގޮތުން ބެލުންތަކެއް ބެލުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ ގޮތަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ ފަރުމާ ކުރުމަށް ބަންޑާރަ ނައިބު މަސައްކަތްކޮށްފައިވުމާއި." މޫސަ ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ފައިސާ އިން ބޭރުގެ ގާނޫނީ އެހީ ހޯދައިގެން ކޮމަންވެލްތުން ކުރަމުން އައި މަސައްކަތް ހުއްޓުމަށް ވެސް އާޒިމާ މަސައްކަތްޕުޅު ކުރެއްވި ކަމަށް މޫސަ ތުހުމަތު ކުރެއްވި އެވެ. އަދި މަގާމުގެ ހައިސިއްޔަތުން ގާނޫނީ ލަފާ އުފަން ކުރުވައި މަޖިލީހުގެ ބާރުތަކަށް އަރައިގަތުމަށް ބަންޑާރަ ނައިބު މަސައްކަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.