ޤާހިރާ (އޮކްޓޯބަރ 29): މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ގެނައި އަސްކަރީ އިންގިލާބާ ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިހްތިޖާޖްތައް އިތުރުވެ އަލްއަޒްހަރު ޔުނިވަސިޓީގެ ދަރިވަރުންނާ ދެކޮޅަށް މިސްރުގެ ފުލުހުން އަނެއްކާ ވެސް ބާރުގެ ބޭނުންކޮށްފި އެވެ.

މިއީ އަލްއަޒްހަރު ޔުނިވަސިޓީގެ ދަރިވަރުންނާ ދެކޮޅަށް މިސްރުގެ ފުލުހުން ބާރުގެ ބޭނުންކުރި ތިންވަނަ ފަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުން އަލްއަޒްހަރުގެ ދަރިވަރުންނާ ދެކޮޅަށް ފުލުހުން އިއްޔެ ބާރުގެ ބޭނުންކުރީ ޤާހިރާގެ ނަސްރު ސިޓީގައި ހުންނަ އެޔުނިވަސިޓީގެ ކެންޕަހުން ބޭރަށްނުކުމެ ކުރިމަތީގައިވާ މަގުގައި ދަރިވަރުން މުޒާހަރާކުރުމުގެ ސަބަބުންނެވެ. ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އަލްއަޒްހަރުގެ 60 އެއްހާ ދަރިވަރުންނަށް އެކިވަރުގެ އަނިޔާތައްލިބި ބައެއް ދަރިވަރުން ހޮސްޕިޓަލްތަކަށް ވެސް ގެންގޮސްފައިވާ ކަމަށް ޚަބަރުލިބެ އެވެ.

މުރުސީގެ ވެރިކަން ވައްޓާލުމަށް މިސްރަށްގެނައި އަސްކަރީ އިންގިލާބާ އިދިކޮޅު ހަރަކާތައް މިސްރުގެ އެކިކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. މިހަރަކާތްތަކުގައި މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މެންބަރުންނާއި އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުގެ އިތުރުން މިސްރުގެ އާންމުން ވަނީ ގިނަ އަދަދަކަށް ބައިވެރިވާން ފަށާފަ އެވެ. މިގޮތުން ކުރިން ލަފާކޮށްފައިވާ މިންވަރާ ޚިލާފަށް ޢަސްކަރީ އިންގިލާބާ ދެކޮޅަށް އާންމުންގެ ގިނަބަޔަކު މިހާރު ތެދުވަމުންދާކަމަށް މިސްރުންލިބޭ ޚަބަރުތައް ބުނެ އެވެ. މިސްރުގެ އެކިކަންކޮޅުތަކުގައި އިއްޔެ ވެސް ވަނީ އަސްކަރީ އިންގިލާބާ ދެކޮޅަށް މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރިޔަށް ގޮސް އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގާފަ އެވެ. (އަލްޖަޒީރާ)