29 Oct 2013, 09:16
ޑާކާ (އޮކްޓޯބަރ 29): ފާއިތުވި ހުކުރު ދުވަހުން ފެށިގެން ބަންގްލަދޭޝްގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާއި ގަޑުބަޑުތަކުގައި މިހާތަނަށް 12 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ އެވެ.
ބަންގްލަދޭޝްގެ ސަރުކާރު އިސްތިއުފާ އަޑު އުފުލުމަށް އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހިނގި ހަމަނުޖަހުންތަކުގައި ހުކުރު ދުވަހު އެކަނި ވެސް ހަ މީހުން މަރުވެ 500 މީހުން ޒަޚަމްވެފައިވާ އިރު އިދިކޮޅު ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ން ވަނީ ތިން ދުވަހުގެ މުޒާހަރާއެއް އިއްޔެ ފަށާފަ އެވެ. އިއްޔެގެ މުޒާހަރާގައި ވެސް ފަސް މީހުން މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވެ އެވެ.
ބަންގްލަދޭޝްގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެފައި މިވަނީ އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކުރިން ބޮޑުވަޒީރާ ޝައިޚް ހަސީނާ އިސްތިއުފާ ދެއްވައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ފަރާތްތަކުން ދީފައިވާ މުއްދަތު ހަމަވިއިރު ވެސް ހަސީނާ އެކަން ކުރައްވާފައިނުމުގެ ސަބަބުންނެވެ. ބަންގްލަދޭޝްގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ވެރިކަންކުރާ އަވާމީ ލީގްޕާޓީ އާއި އިދިކޮޅު ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާ ދެމެދު ގައިވާ ވާދަވެރިކަން ސިޔާސީ ހަމަނުޖެހުންތަކަކަށް ބަދަލުވަމުން ދިޔުމަކީ އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ އާންމު އިންތިޚާބަށް ހުރަސްއެޅި އެއިންތިޚާބު ފަސްވެގެން ދިޔުމުގެ ބިރުއޮތްކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.
މިހަމަނުޖެހުންތަކުގެ ސަބަބުން ބަންގްލަދޭޝް ފުލުހުން ވަނީ އެއްވެ އުޅުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
އިދިކޮޅު ބީއެންޕީން ވަނީ އާއްމު އިންތިޚާބުގެ ކުރިން ގައުމީ އެއްބައިވަންތަ ވަގުތީ ސަރުކާރެއްއެކުލަވާލާ، ބޮޑު ވަޒީރު ޝެއިޚް ހަސީނާ މަޤާމުން އިސްތިއުފާ ނުދެއްވައިފި ނަމަ ޤައުމީ ފެންވަރުގައި ހަތިޔާރާ އެކު މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. (ރޮއިޓާސް)