އިންޑިއަން ހައިކޮމިޝަންގެ ކުރިމަތީގައި ޕާކްކޮށްފައި އޮތް އިންޑިއަން ހައިކޮމިޝަނަރުގެ ކާރުކޮޅުގެ ބިއްލޫރިގަނޑަކަށް ހަމަލާދިން މައްސަލަ ކުރީގެ ދެ ރައީސުން ކުށްވެރި ކުރައްވައިފި އެވެ.

ހައިކޮމިޝަނަރުގެ ކާރުކޮޅަށް މިރޭ އިރުއޮއްސުނުއިރު ގާބުރިއެއް އެއްލައި ދިން އެ ހަމަލާގައި ކާރުގެ ފަހަތް ބިއްލޫރިގަނޑުގައި ވަނީ ބާގަނޑެއް ހެދިފަ އެވެ.

މިއަމަލު ކުށްވެރިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއަމަލު ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ.



ރައީސް މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ އަމަލު ކުށްވެރި ކުރައްވައިފަ އެވެ. ނަޝީދުގެ ޓުވީޓްގައި އެ އަމަލު ހިންގި ބަޔަކު ހޯދުމަށް ވީއެންމެ އަވަހަކަށް ތަހުގީގެއް ފެށުމަށް ސަރުކާރަށް ވަނީ ގޮވާލައްވައިފަ އެވެ.


މި އަމަލް ކުށްވެރިކޮށް ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރެއްޖެނަމަ އެކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް މިހާތަނަށް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފަ އެެއް ނުވެ އެވެ.