އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން ތަންތަނުގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން މިހާތަނަށް 20،800 މީހުންގެ ފޯމް ޕްރޮސެސްކޮށް ސިސްޓަމަށް އެންޓާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެމްބީސީގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އަހުމަދު އަބޫބަކުރު ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ވޯޓް ލުމަށް ރީ ރަޖިސްޓްރީ ކުރި މީހުންގެ ފޯމްތަކުގެ ތެރެއިން މިހާރު ޕްރޮސެސް ނުކުރެވި ވަނީ ހަމައެކަނި ބ. އަތޮޅުގެ ފޯމްތައް އެކަނި ކަމަށެވެ. އެހެންކަމުން އެ ފޯމްތައް ޕްރޮސެސްކޮށް ނިމުމުން ރީ ރަޖިސްޓްރީ ކުރި މީހުންގެ ޖުމްލަ އަދަދު އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 20،800 މީހުންގެ ފޯމް މިހާރު ވަނީ ޕްރޮސެސް ކުރެވިފައި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ނުނިމި ހުރި ފޯމްތައް ވަރަށް އަވަހަށް ޕްރޮސެސްކޮށް ނިމޭނެ ކަމަށެވެ.

ރީ ރަޖިސްޓްރީ ކުރި މީހުންނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަހުމަދު ވިދާޅުވީ މިފަހަރު ރީ ރަޖިސްޓްރީ ކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވެނީ އީދު ޗުއްޓީ އަށް އަތޮޅުތަކަށާއި ރާއްޖެ އިން ބޭރަށް ދިޔަ މީހުން އެކަނި ކަމަށެވެ.

ރީ ރަޖިސްޓްރޭޝަން އަށް ޝަކުވާ ހުށަހެޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަހުމަދު ވިދާޅުވީ ރީ ރަޖިސްޓްރޭޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި މިފަހަރު ރަޖިސްޓްރީ ކުރި މީހުންނަށް އެކަނި ކަމަށެވެ. އެގޮތުން ރީ ރަޖިސްޓްރޭޝަން އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ނޮވެންބަރު މަހުގެ އެއް ވަނަ ދުވަހާއި ދެ ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އިތުރަށް ވިދާޅުވީ ރީ ރަޖިސްޓްރޭޝަން އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަނާޅާ ފަރާތްތަކަށް އެ ފުރުސަތު އަލުން ނުލިބޭނެ ކަމަށެވެ. އަދި ހުށަހެޅޭ ޝަކުވާތައް ބެލުމަށް ފަހު ލިސްޓަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށް ފަހު ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ލިސްޓް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.