28 Oct 2013, 21:59
ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ މަރުގެ މައްސަލައިގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ޕާސަނަލް ޑޮކްޓަރު ކޮންރާޑް މުރޭ ޖަލުން ދޫކޮށްލައިފި އެވެ.
ޖެކްސަންގެ މަރާ ގުޅުންހުރި ކަމަށް ސާބިތުވެ، ކުރިން ކާޑިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރި މުރޭ ވަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގައި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ހަތަރު އަހަރަށް ޖަލަށްލައިފަ އެވެ. އަދި އޭނާ ވަނީ ދެ އަހަރު ޖަލުގައި ހޭދަކޮށްފަ އެވެ.
ބީބީސީގައި ވަނީ މުރޭ ހައްޔަރުކޮށްފައި ހުރި ލޮސް އެންޖަލިސްގެ ޖަލުން އޭނާ ދޫކޮށްލާފައިވާ ކަން އެތަނުގެ ރެކޯޑުތަކުން ކަށަވަރުވެފައިވާ ކަމަށާއި އަދި ކަމާގުޅޭ އިދާރާއިން ބުނެފައި ވަނީ މުރޭ ދޫކޮށްލީ ހޯމަދުވަހު އެމެރިކާ ގަޑިން 12:01ގައި ކަމަށެވެ.
މައިކަލް ޖެކްސަން ކުއްލި ގޮތަކަށް މަރުވެފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު މުރޭ މައިކަލްގެ ހަށިގަނޑަށް ބާރުގަދަ ބޭހެއް ކަމަށްވާ އެނެސްތެޓިކް ޕްރޮޕޮފޯލް ޑޯޒެއް އިންޖެކްޓް ކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ.
އުމުރުން 50 އަހަރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރުވީ މުރޭ އޭނާގެ ގަޔަށްޖެހި ބާރުގަދަ އިންޖެކްޝަންގެ އިތުރުން ޖެކްސަން އަމިއްލައަށް އޭނާގެ ހަށިގަނޑަށް ޖެހި ނިދާ އެހެން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ތަހުގީގުތަކުން ހާމަވި އެވެ. އަދި މުރޭ ފޮރުވަން މަސައްކަތްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖެކްސަން އަމިއްލައަށް ޖެހި އިންޖެކްޝަނުގެ މައްސަލަ ހިމެނެ އެވެ. އަދި ހަމަ އެހެންމެ ތަހުގީގުތަކުން ހާމަވި ގޮތުގައި ޖެކްސަން އަމިއްލައަށް އިންޖެކްޝަން ޖެހީ މުރޭގެ ފަރުވާކުޑަކަމުންނެވެ.
މުރޭއަށް ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އޭނާ ޖަލުން ސަލާމަތްވީ ކެލިފޯނިއާގެ ގާނޫނަށް ގެނައި އިސްލާހު ތަކެއްގެ ސަބަބުން މުރޭ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު ކުރުވުމާ ގުޅިގެންނެވެ.
މުރޭ ޖަލުން ދޫކޮށްލި ނަމަވެސް އޭނާއަށް ކުރިން ދޫކޮށްފައިވާ، މެޑިކަލް ލައިސަންސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭބީސީ ނިއުސްއާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، މުރޭގެ ގާނޫނީ ޓީމުން އޭނާގެ މެޑިކަލް ލައިސަންސް އަނބުރާ ދިނުމަށް އެދި ޓެކްސަސްގައި ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ޖެކްސަންގެ މަންމަ ކެތަރިން ޖެކްސަން އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މުރޭއަށް ދުވަހަކު ވެސް މެޑިސިންގެ ދާއިރާގައި މަސަކަތް ކުރުމުގެ ފުރުސަތު ނުލިބުމަކީ މަޝްހޫރު ލަވަކިޔުންތެރިޔާގެ އާއިލާއިން ވަރަށް ބޮޑަށް އެދޭ އެދުމެކެވެ.
ކުއްލި ގޮތަކަށް ހިތް ހުއްޓިގެން މައިކަލް ޖެކްސަން މަރުވެފައި ވަނީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހު "ދިސް އިޒް އިޓް" ގެ ނަމުގައި ލަންޑަންގެ އޯޓޫ އެރީނާގައި ކޮންސެޓްތަކެއް ހުށަހަޅައި ދިނުމަށް ތައްޔާރުވަމުން ދަނިކޮށެވެ.