މައުލޫމާތު ބަދަލުކޮށް އައިޑީ ކާޑު ހަދައިދިނުން ނެޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުން މަޑުޖައްސާލައިފި އެވެ.

ޑިރެކްޓަރު ފަރީދާ ޔޫސުފް މިއަދު ވިދާޅުވީ މައުލޫމާތު ބަދަލުކުރަން އެދޭ ފަރާތްތަކުގެ އައިޑީކާޑު ހަދައިދިނުން މަޑުޖައްސާލީ ވޯޓާސް ލިސްޓާ ދިމާނުވުމުގެ ސަބަބުން ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެތީ ކަމަށެވެ.

"ބައެއް ފަރާތްތަކުން އެޑްރެސް ބަދަލުކުރުމަށްފަހު އައިޑީ ކާޑު ހަދައިދޭން އެބަ ހުށަހަޅާ. ނަމަވެސް އަޅުގަނޑުމެން ވޯޓާލިސްޓާ އެއްގޮތްކުރުމުގެ ގޮތުން މައުލޫމާތު ބަދަލުކޮށް އައިޑީކާޑު ހަދައިދިނުން މިހާރު މިވަނީ މަޑުޖައްސާލާފައި،" އޭނާ ވިދާޅުވި އެވެ.

ފަރީދާ ވިދާޅުވީ މައުލޫމާތު ބަދަލުކޮށް ކާޑު ހަދައިދިނުން 16 ނޮވެންބަރު އާ ހަމައަށް މަޑުޖައްސާލި ނަމަވެސް ރިޔާސީ އިންތިޚާބުގެ ވޯޓްލުން ދެވަނަ ބުރަކަށް ނުގޮސްފިނަމަ ނޮވެމްބަރު ނުވައެއްގެ ފަހުން އައިޑީ ކާޑު އެ ފަރާތްތަކަށް ހަދައިދޭނެ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ މައުލޫމާތަށް އަންނަ ބަދަލުތައް ގެނެސް މިހާރެކޭ ވެސް އެއްގޮތަށް ކާޑު ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުއްދަތު ހަމަވާ އައިޑީކާޑާއި 18 އަހަރުން ދަށުގެ ކުދިންގެ މައުލޫމާތަށް އަންނަ ބަދަލުތަކާއެކު މިހާރު ވެސް ކާޑު ހަދައިދެމުން ދަނީ،" ފަރީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓާސް ރަޖިސްޓްރީ ތައްޔާރުކުރުމަށް މިދިޔަ ހުކުރު ދުވަހާ ހަމަޔަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.