01 Dec 2010, 06:06
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، އިނގިރޭސި ޚާރިޖީ ވަޒީރު ވިލިއަމް ހޭގާއި މޫސުމާ ބެހޭ ވަޒީރު ކްރިސް ހޫންއާއި އިނގިރޭސި ވަލީއަޙްދު ޕްރިންސް ޗާލްސްއާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްއާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އޮކްސްފޯޑް ޔޫނިއަންގައި ވާހަކަފުޅުދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޮކްސްފޯޑް ޔޫނިއަންއަކީ، އެކިއެކި މައުޟޫޢުތަކަށް ބަހުޘްކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް ޖަމްޢިއްޔާ އެވެ. އެތަނުގައި ވާހަކަފުޅު ދައްކަވާފައިވާ ދުނިޔޭގެ މަޝްހޫރު ބޭފުޅުންގެ ތެރޭގައި ޑަލައި ލާމާ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗަރޗިލް، އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ރިޗަރޑް ނިކްސަން، ޖިމީ ކާރޓަރ، ރޮނަލްޑް ރޭގަން، ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް، މަޝްހޫރު ސައިންޓިސްޓް ސްޓީވަން ހޯކިންގ، މަޝްހޫރު ފުޓްބޯޅަ ތަރި ޑިއެގޯ މެރެޑޯނާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުންވެސް، ބީ.ބީ.ސީ، އަލްޖަޒީރާފަދަ މަޝްހޫރު ނިއުސް ޗެނަލްތަކަށް ރައީސް އިންޓަރވިއު ދެއްވާނެ އެވެ. ބީ.ބީ.ސީ.ގެ ހާޑް ޓޯކް ޕްރޮގްރާމްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.