28 Oct 2013, 20:14
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ސަންއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ ބުދަ ދުވަހު ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް ހުރިހާ ޑޮކިއުމަންޓްތަކެއް ފޮނުވާފައިވާނެ ކަމަށެވެ.
ބަޖެޓް ހުށަހެޅުމަށް މަޖިލީހަށް ފޮނުއްވިއިރު ބަޖެޓާ ބެހޭ ތަފުސީލް ދެއްވުމަށް މިނިސްޓަރު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ހަފުތާގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 16.5 ބިލިއަން ރުފިޔާ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ 16.5 ބިލިއަން ރުފިޔާ ކަމަށް ކެބިނެޓުން ފާސްކޮށްފައިވާ އިރު އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ 11 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ބަޖެޓް ދަރަނި އަންނަ އަހަރު 5.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައި ވަނީ ސަރުކާރުން ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަދަލުގައި 15.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ސަބަބުން ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކެއްގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅު އަޅާފައިވެ އެވެ.
ފިނޭންސް މިނިސްޓަރު ދާދިފަހުން ވިދާޅުވީ މިއަހަރު ފާސްކުރި ބަޖެޓާ އެކު އާމްދަނީ ހޯދުމަށް ހުށަހެޅި ގިނަ ކަންތައްތައް ފާސްނުވުމުން ބަޖެޓް ދަރަނި ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑުވާނެ ކަމަށެވެ.