ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބާ ވާދަކޮށް 3-2 ސެޓުން މެޗް ކާމިޔާބުކޮށް ސިފައިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާއިރު، މެޗުގެ ފުރަތަމަ ސެޓް 28-26 އިން ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ. ދެ ވަނަ ސެޓް 25-23 އިންކާމިޔާބު ކުރީ ސިފައިންގެ ކުލަބެވެ. މެޗުގެ ތިން ވަނަ ސެޓް 25-21 އިން ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. އަދި މެޗުގެ ހަތަރު ވަނަ ސެޓް 27-25 އިން ސިފައިން ކާމިޔާބު ކުރިއިރު، ފަހު ސެޓް ސިފައިން ކާމިޔާބު ކުރީ 17-15 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ކުލަބުގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

ފިރިހެން ޑިވިޝަންގައި ހަތް ޓީމު ވާދަކުރާއިރު، ދެ ގުރޫޕަކަށް ޓީމުތައް ވަނީ ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމަތަކަކީ ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ކުލަބް ވިޗެންޒާ އަދި ހުޅުމާލެ ޔޫތު ޑިވޮލަޕްމަންޓް ސޮސައިޓީ އެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމް ތަކަކީ ކުލަބް ޕީކޭ އާއި ޔޫތް ސްޕޯޓްސް ކުލަބް އަދި ނައިފަރު ޖުވެނައިލް އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕެއްގެ ވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ ގްރޫޕް އޭ ފަޅީގެ ކްލަބް ވިޗެންޒާ އާއި ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް އެވެ.