28 Oct 2013, 19:42
އަމީރު އަހުމަދުމަގުގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ކުރިމަތީގައި ޕާކުކޮށްފައި އޮތް ހައިކޮމިޝަނަރުގެ ކާރުކޮޅުގެ ފަހަތު ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންޑިއަން ހައި ކޮމިޝަން ކައިރީގައި ޕާކުކޮށްފައި އޮތް އިންޑިއަން ހައި ކޮމިޝަނަރުގެ ކާރު ކޮޅުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިރުއޮއްސި 18:45ގައި ކަމަށާއި އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ހައިކޮމިޝަންގެ ކުރިމަތީ، ޕާކުން ޒޯން ބޭރުގައި ޕާކުކޮށްފައި އޮތް ހައިކޮމިޝަނަރުގެ ޑިޕްލޮމެޓިކް ބޯޑު ޖަހާފައިވާ މާސެޑީޒް ބެންޒް ކާރުގެ ފަހަތު ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖެހުމުން މެދުން ވަނީ ބާގަނޑެއް ހެދިފަ އެވެ.
ފުލުހުން ބުނީ ހައި ކޮމިޝަނަރުގެ ކާރު ކޮޅުގެ ބިއްލޫރިގަނޑު ތަޅާލި އަމަލު މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންމެ ހަރުކަށި އިބާރާތުން ކުށްކުރިވެރި ކުރާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެ އެވެ.
"މިފަދަ މަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރައްވާ ފަރާތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ދަންނަވަން،" ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.