އިލެކްޝަންސް ކޮމިޝަނުގައި މި ވަގުތު ތިއްބެވި ތިން މެންބަރުނަށް ފުރިހަމައަށް އިތުބާރު އެބަ އޮތް ކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މި ވަގުތު ތިއްބެވި ފުއާދު ތައުފީގާއި މުހައްމަދު ފާރޫގާއި އަލީ މުހައްމަދު މަނިކުގެ އިތުރުން އަހްމަދު ފަޔާޒާއިމެދު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ނިންމީ ކޮމިޝަނުގެ ފަސް މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި އީސީގެ މެންބަރުންގެ އިތުބާރު އޮތް ކަމަށް ފާސްކުރުމަށް ކޮމެޓީއަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ އެ ހުށަހެޅުން ކޮމެޓީއަށް ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ސިފަތައް މިހާރު ތިއްބެވި ހަތަރު މެންބަރުންގެ ކިބައިގައި ނެތް ކަމަށް ބުނެ އެ ކޮމެޓީއަށް ތިން މެންބަރަކު ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އީސީގެ މެންބަރުނަށް ފުރިހަމައަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އަލީވަހީދާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ގަފޫރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ސިފަތައް ގެއްލިފައިވާތީ އެ މެންބަރުންނާއިމެދު އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހުށަހެޅުއްވި މައްސަލަގައި ވަނީ ފާސްނުވެ ކޮމެޓީން ބޭރުކޮށްލާފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ސިފަތައް ގެއްލިފައިވާތީ އެ މެންބަރުންނާއިމެދު އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ވޯޓު ދެއްވީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިންގެ އިތުރުން މުހައްމަދު މުޖުތާޒް އެވެ.