މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ ޕަސެންޓް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް 3.40 ޕަސެންޓް އުފުލިފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ޑިޕާޓްމަންޓުން މަހަކު އެއްފަހަރު ނެރޭ މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންފްލޭޝަން ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައި ވަނީ 2.51 ޕަސެންޓެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އިންފްލޭޝަން ރޭޓަކީ 0.88 ޕަސެންޓެވެ. ނަމަވެސް އޯގަސްޓް މަހު ހުރީ 0.17 ޕަސެންޓްގަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ނުހިމަނައިފި ނަމަ ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.78 ޕަސެންޓްގައި ކަމަށް ޕްލޭނިން ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އިންފްލޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މައިގަނޑު ގޮތެއްގައި އަގުމައްޗަށް ގޮސްފައި ވަނީ ސިއްހީ ހިދުމަތާއި ތަރުކާރީގެ ބާވަތްތަކާއި މަހުގެ ބާވަތްތަކުގެ އިތުރުން ކިރާއި ޗީސް އަދި ކުކުޅު ބިހާއި ގޭގެ ކުލި އަދި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނުގެ އަގުތަކެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ސިއްހީ ހިދުމަތުގެ އަގު 21.6 ޕަސެންޓް އުފުލިފައިވާއިރު ތަރުކާރީގެ ބާވަތްތަކުގެ 12.1 ޕަސެންޓް އަދި މަހުގެ ބާވަތްތަކުގެ އަގު 1.9 ޕަސެންޓް، ކިރުގެ ބާވަތްތަކާއި ޗީސް އަދި ކުކުޅު ބިހުގެ އަގު 1.1 ޕަސެންޓް ވަނީ އުފުލިފަ އެވެ. އަދި ގޭގެ ކުލި 0.44 ޕަސެންޓް އުފުލިފައިވާއިރު ފަރުނީޗަރާއި ހިފާ ގެންގުޅޭ ސަމާނުގެ އަގު 2.3 ޕަސެންޓް އުފުލިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.