ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހުންނަ ކޮންމެ އައިބަކީ ޝަރުއީ ނިޒާމަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށާއި އެގޮތުން މިހާރު ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ޖޭއެސްސީގެ އުސޫލުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސުޕީރިއާ ކޯޓުތަކަށް އަލަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރުމާއި އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމަށް އެ ކޮމިޝަނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީ އިން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލްތަކާ ބެހޭ މައްސަލަތައް ބައެއް ފަހަރު ކޯޓުތަކާ ހިސާބަށް ގެންދެވޭ ކަމަށާއި އެކަމުގެ ސަބަބުން ކަންކަން ހަރުދަނާ ކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ޓަކައި ޖޭއެސްސީގެ އުސޫލުތައް ދެފުށް ފެންނަގޮތަކަށް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޖޭއެސްސީން ބައެއް ކަންކަމުގައި ނިންމުންތައް ނިންމުމަށް ޓަކައި، އެކަށައަޅާ އުސޫލުތައް ކޯޓުތަކަށް ގެނެވޭތަން އެބައާދޭ. މި ކޮންމެ ކަމަކާއި ގުޅިގެން ޖޭއެސްސީން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަށް ލަސްތަކެއް އެބައާދޭ. އެހެންކަމުން ޖޭއެސްސީގެ އުސޫލުތައް އެކަށައެޅުމުގައި މިހާރަށް ވުރެއް ބޮޑަށް ހަރުދަނާ ކުރަން ޖެހޭ. އެހެންކަމުން އުސޫލުތަކާއި ގަވާއިދުތައް އެކަށައެޅުމުގައި މިހާރަށް ވުރެ ބޮޑަށް މަޝްވަރާ ކުރެއްވުން މުހިއްމު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެފަދަ ކަންތައްތައް ލަސްވާ ނަމަ އެކަމުގެ ލޮޅުންތައް ފަނޑިޔާރު ގެއަށާއި ޝަރުއީ ނިޒާމަށް ވެސް ކުރާނެ ކަމަށް ވިދާޅުވަމުން ފާއިޒު ވިދާޅުވީ ޖޭއެސްސީން މިހާރު އެކުލަވާލާފައިވާ ގޮތުގެ މޮޑެލް އަކީ ވެސް ފެއިލްވެފައިވާ މޮޑެލްއެއް ކަމަށާއި އެކަމުގެ ސަބަބުން ޝަރުއީ ނިޒާމު ހަރުދަނާކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެ މޮޑެލް ރައްޔިތުންގެ މަޖިލީހުން މެދުވެރިކޮށްގެން ނަމަވެސް ބަނދަލުކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ދޭތެރެއިން ސައުތު އެފްރިކާގެ ވަރަށް ސީނިއާ، ދުވަސްވީ ތަޖުރިބާކާރު ފަނޑިޔާރަކާ ބައްދަލުވެ، އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކާއި މި އިޝޫއާ ބެހޭ ގޮތުން ޑިސްކަސް ކުރެވުނު ހިނދު، އެ ރިޓަޔަޑް ފަނޑިޔާރު ވިދާޅުވީ ތިމަން ބޭފުޅުންގެ ގައުމުގައި ވެސް ފެއިލްވެފައި އޮތް މޮޑެލްއެކޭ މި މޮޑެލް އަކީ. އެހެންވީމާ އަޅުގަނޑު ހިތުގައި ހަމަ އުފެދޭ ސުވާލަކީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރުމަށް މިހާރު އަޅުގަނޑުމެންގެ ކަމާ ބެހޭ މުއައްސަސާތަކުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވިސްނާވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާބާއޭ؟ ޖުޑީޝަރީ ހަރުދަނާ ކުރެވޭނީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރެވިގެން. އެ މޮޑެލް އޮންނަހާ ހިނދަކު ޖުޑީޝަރީއަކަށް އިތުރު ހަރުދަނާކަމެއް ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.