28 Oct 2013, 15:58
ދައުލަތުން އުފުލާފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ ސާފުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު އެގޮތަށް ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ދައުވާ އިއްވުމުންނެވެ.
ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހު 4:30 އެހާކަންހާއިރު ހދ. ހޮނޑައިދޫ އުތުރު ފަރާތުގައި ބާއެއްގޮތަށް ހަދާފައިވާ ހަޓުކައިރީގައި ޖާބިރު ހުނެވީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އޭނާ ހައްޔަރުކުރި ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ޖާބިރު ހައްޔަރުކުރުމަށް ފަހު އޭނާ ހުންނެވި ދިމާ ބަލައި ފާސްކުރި އިރު އެދިމާލު ބިންމަތިން ފެނުނު ބިޑިއެއްގައި 0.1763 ގްރާމް ކެނަބިހާއި އަދި އޭނާ އިންނެވި ދިމާލު ޖޯލިފަތި ކައިރިން ފެނުނު ބިޑިއެއްގައި 0.8266 ގްރާމް ކެނަބިސް ހުރިކަމަށާއި އަދިހަމަ ޖޯލިފަތި ކައިރީ ބިންމަތިން ފެނުނު ތިން ބިޑީގައި ވެސް 1.9720 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ޖާބިރު ވިދާޅުވީ އޭނާ އަކީ ދުވަހަކު ވެސް ޑްރަގުން މުއާމަލާތްކުރި މީހެއް ނޫން ކަމަށާއި ޑްރަގުން މުއާމަލާތް ކުރުމަކީ ކޮބައިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަމިއްލަ ޖާނު ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށާއި އެކަމަށް 90 ދުވަހުގެ މުހުލަތެއް ދެއްވުމަށް ޖާބިރު އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން ވަކީލަކު ހަމަޖައްސަން ދެވޭނީ ތިން ދުވަހުގެ މުއްދަތު ކަމަށެވެ. ވަކީލަކު ހަމަޖެއްސުމަށާއި މައްސަލައަށް ތައްޔާރުވުމަށް ގާޒީ ވަނީ އޭނާ އަށް ހަތް ދުވަހުގެ މުހުލަތެއް ދެއްވާފަ އެވެ.
ޖާބިރު ވިދާޅުވީ ހޮނޑައިދޫގައި ފުލުހުން އޭނާ އަށް އަނިޔާ ކުރި ކަމަށާއި އެފަދަ ބަޔަކު ދީފައިވާ ބަޔާންތަކެއްގެ މައްޗަށް އޭނާގެ މައްޗަށް ދައުވާ ކުރުމަކީ އިންސާފުވެރިކަމެއް ނޫން ކަމަށެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ކުރިއަށްދާތީ މަޖިލީހުގެ ގޮނޑި ގެއްލުވާލުމަށް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ މައްސަލައާ ގުޅޭ ލިޔުންތައް ޖާބިރަށް ދޫކޮށްފަ އެވެ.
އެ ދައުވާ ޖާބިރުގެ މައްޗަށް ސާބިތުވެއްޖެ ނަމަ 15 އަހަރު ދުވަހުގެ ޖަލުހުކުމެއް އަންނާނެ އެވެ.