28 Oct 2013, 15:15
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ނަން އިއްވައި އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް މެދުކަނޑާލި މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމާލައިފި އެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މޫސަގެ ނަން އިއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ނިޒާމް ގެއްލޭ ގޮތަށް އޭނާ އަމަލުކުރެއްވުމުންނެވެ. އަދި މޫސާގެ ނަން އިއްވުމުގެ ކުރިން ރިޔާސަތުން ވަނީ ވަރަށް ގިނަ ފަހަރުގެ މަތިން މޫސަ އަށް ނަސޭހަތްތެރިވެފަ އެވެ.
މަޖިލީހުގެ ތަޅުން ދޫކޮށް މޫސަ ނިކުމެވަޑައިގެންނެވި ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން މަޖިލީހުގެ ރިޔާސަތުން އަބްދު ﷲ ޝާހިދު ވަނީ ޖަލްސާ ނިންމެވިކަން 2:30ގައި އިއުލާން ކުރައްވައިފަ އެވެ.
މޫސަގެ ނަން އިއްވައި މަޖިލީގެ ޖަލްސާ މެދުކަނޑާލިއިރު ކުރިއަށް ދިޔައީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް މަރުހަލާ އެވެ.
ކުއްލި މައްސަލާގައި މެންބަރުން ބަހުސް ކުރައްވަމުން ގެންދަވަނިކޮށް މަޖިލީހުގެ ނިޒާމު ގެއްލިގެން ދިޔައީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ރީކޯ މޫސާ އަށާއި އެމްޑީޕީ އަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަތަކަށް މޫސާ ނިޒާމީ ނުކުތާ ނަންގަވައި ރައްދު ދެއްވުމުގެ ސަބަބުން އެފެދިގެން ދިޔަ ދެބަސްވުމުގެ ތެރެއިންނެވެ.
މިއަދުގެ ޖަލްސާގައި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި އަދި އެމްޑީޕީގެ އެހެން މެންބަރުނާ ދެމެދު ވެސް ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރި އެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ހުށަހަޅުއްވާފައިވާ ފަތުރުވެރިކަން ބޮއިކޯޓް ކުރުމަށް ގޮވާލުން މަނާ ކުރުމުގެ ބިލްގެ ބަހުސާއި ގަވާއިދު ކޮމެޓީން ނިންމާފައިވާ ކޮމެޓީގެ ރިޕޯޓަކަށް ވޯޓަށް އެހުމުގެ މައްސަލަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގަ އެވެ.