28 Oct 2013, 14:54
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް، އިބްރާހިމް ހުސެއިން ޒަކީގެ ދަރިކަލުން ހަމްދާން ޒަކީއާ އެކު އިތުރު ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކެއްގައި އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހޯދަމުން ދަނީ މ. މައިމަގުމަތީގެއާގެ، އިބްރާހީމް މުސާ މަނިކު، 57، އާއި ގ. ހިލިހިލާގެ، މުހައްމަދު ހަމްދާން ޒަކީ، 36، އަދި ސ. ފޭދޫ، ދުންބުރުވާގެ، އިބްރާހީމް ލަތީފް 41، އެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ތެރެއިން އިބްރާހީމް މުސާ މަނިކު އަދި ހަމްދާން ޒަކީ އަކީ މި އަހަރުގެ މި މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮންނަ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ. ނަމަވެސް އެމީހުން ހޯދަނީ ކޯޓުގައިވާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ.
ފުލުހުން ބުނީ އިބްރާހީމް ލަތީފް އަކީ މިމަހުގެ 31 ވަނަދުވަހު ކްރިމިނަލް ކޯޓުގައި އޮންނަ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގެ ދަށުން ހޯދަމުންދާ މީހެކެވެ.