މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސަމާހު، އެ މަގާމުން ވަކިކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުން އަނބުރާ ރުޖޫއަކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި އެގޮތަށް ނިންމީ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމުން ސަމާއު ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ ކުރިން އޭނާއަށް އެކަމުގައި ދިފާއު ވުމުގެ ފުރުސަތު ދެވިފައި ނުވާތީ ކަމަށެވެ. އެ ނިންމުމާ ގުޅިގެން ސަމާއު މިއަދާ ހަމައަށް ވެސް ހުންނެވީ އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭނާއަށް އެކަމުގައި ދިފާއު ވުމުގެ ވަގުތު ދެވިފައިނުވާ ކަމަށް ފެންނާތީ އާއި އެ ނިންމުމަކީ ސައްހަ ނިންމުމެއް ކަމުގައި ނުވާތީ އެ ނިންމުން އަނބުރާ މިގެނައީ،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއޫ ޑެޕިއުޓީ މޭޔަރު ކަމުން ވަކިކުރުމަށް ނެގި ވޯޓަކީ ސައްހަ ނިންމުމެއް ކަމުގައި ނުވާތީ އެ ނިންމުން އަނބުރާ ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުން ވޯޓް ދެއްވި ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު މައްޗަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމާއި އޮފީހަށް ވަޑައިގެންނެވުމުގައި ފަރުވާކުޑަކުރައްވަމުން ގެންދާ މައްސަލަ އެ ކައުންސިލްގެ މެމްބަރު މުހައްމަދު އައިމަން އިސްމާއިލް ހުށަހެޅުއްވުމުން އެ މައްސަލަ ބަލައިގަތުމަށް ތާއީދުކުރެއްވީ މެމްބަރު މުހައްމަދު އަފްރާހު އެވެ. އަންގާރަ ދުވަހު ސަމާއުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގިއިރު އެ މަގާމުން އިސްތިއުފާ ދެއްވާ ސިޓީ ވެސް ފޮނުއްވާފައިވާ ކަމަށް ޝަމާއު ވަނީ ވިދާޅުވެފަ އެވެ.