ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ތިން މީހެއްގެ ގަޔަށް ވަޅި ހަރައިފި އެވެ.


ފުލުހުން ބުނީ މާރާމާރީ ހިންގައި ވަޅި ހަރާފައި ވަނީ ރޭ މައްޗަންގޮޅީ މާފަތްތަކުރުފާނު މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައި ކަމަށެވެ.


ވަޅި ހެރުމުގެ ހަމަލަދީފައި ވަނީ ރޭ ގާތްގަނޑަކަށް 1:00 ޖަހާ އެހާ ކަންހާއިރު އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ވަޅިން ހަމަލާ ދިނުމުން ތިން މީހަކު ޒަހަމު ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 19 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނަކާއި އިތުރު މީހެއް ކަމަށެވެ.


މީގެ ތެރެއިން ހާލު ސީރިއަސް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުދަނީ އުމުރުން 19  އަހަރުގެ ޒުވާނާ އަށެވެ.


ރޭ މާރާމާރީ ހިންގައި ވަޅިން ހަމަލާ ދިނީ ކޮންކަމަކާ ގުޅިގެން ކޮންބައެއް ކަމެއް ފުލުހުންނެއް ނުބުނެ އެވެ. ހަމައެކަނި ވިދާޅުވީ ވަޅިން ހަމަލާދިން މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.