28 Oct 2013, 14:28
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ރައްޔިތުންގެ މަޖިލީހުގައި ހުންނެވުމުގެ ސަބަބުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓަށް ފުލުހުންގެ ފަރާތުން މިއަދު އަންގައިފި އެވެ.
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހާޒިރުނުކުރެވިގެން ވަނީ ޝަރީއަތް ކެންސަލްކޮށްފަ އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މިއަދު 09:00ގައި އެ ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހަށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހާމިދު އަބުދުލްޣަފޫރު ހާޒިރުކޮށްދިނުމަށް އެދިފައި ވާތީ އޭނާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވޭނެ ގޮތް ހައްދަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފުލުހުންގެ ފަރާތުން އިއްޔެ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ފޮނުވި ސިޓީގެ ޖަވާބުގައި އަންގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސް އެޅޭ ފަދަ ގޮތަށް ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެމްބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު ގެ 11 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ޝަރީޢަތުގެ މަޖިލީސް ތާވަލް ކޮށްފައިވާ ގަޑިއަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ހަތް ވަނަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑި ކަމަށާއި އެގަޑިއަކީ މިއަހަރުގެ މޭމަހު އިންތިޚާބުކުރި 17 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނީއްސުރެ އާއްމު އުސޫލުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޖަލްސާ އެއްވެސް ފެށުމަށް މަޖިލީހުގެ ޤަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ގަޑި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ހާމިދާއި އިތުރު ބަޔަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.