ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ސީ ޕްލޭންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "ސަން"އަށް މިއަދު ވިދާޅުވީ، ގައުމީ އެއާލައިނުން މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހޯދާފައިވާ ކާމިޔާބުގެ އަލީގައި ސީ ޕްލޭންގެ ހިދުމަތް ވެސް އިތުރު ކުރުމަށް ކުންފުނީގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ.

"ހުސްވި ހަފްތާގައި އަޅުގަނޑުމެންގެ ބޯޑުން މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ، ސީޕްލޭންގެ ހިދުމަތް މޯލްޑިވިއަންގެ ވިޔަފާރިއަށް އިތުރުކުރުމުގެ އަމަލީގޮތުން ފަށަން،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މޯލްޑިވިއަންގެ ސީ ޕްލޭންގެ ހިދުމަތް ދިނުމުގެ ފަންނީ މަސައްކަތް އަދި ފެށުނު ކަމުގައިވީ ނަމަވެސް އަމަލީ ގޮތުން ހިދުމަތް ފެއްޓޭނޭ ތާރީޚެއް ދަންނަވަން އަދި ދަތި ކަމަށެވެ.

"މޯލްޑިވިއަންއިން ސަރަހައްދީ އެއާޕޯޓްތަކަށް ކުރާ ދަތުރުތަކުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ ބޯޑުން ނިންމާފައި މިވަނީ، ސީ ޕްލޭންގެ ހިދުމަތަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ކުރެވިއްޖެނަމަ މި އެއާލައިންއަށް ފައިދާ ކުރާނެ ވިޔަފާރިއެއް ކަމަށް. އެހެން ކަމުން މިހާރު ބޯޑުން މިވަނީ އަޅުގަނޑުމެންނަށް މަސައްކަތް ފެށުމުގެ ހުއްދަ ދެއްވާފައި. މިއީ ހަމަ މަސައްކަތުގެ ފެށުން. އެހެން ކަމުން އަދި ޚިދުމަތް ފެއްޓޭނޭ ތާރީޚެއް ދަންނަވަން މިވަގުތު ދަތި،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ދަތުރުތައް މިހާރު ކުރަމުންގެންދާ ސަރަހައްދު ތަކުގެ ތެރެއިން އެ އެއާލައިން އަށް އެންމެ ބޮޑަށް ފައިދާވާ ސަރަހައްދު ތަކަކީ ފަތުރުވެރިކަން ހިމެނޭ ޒޯންތަކަށްވާއިރު ނަޝާތު ވިދާޅުވީ މޯލްޑިވިއަންގެ ސީ ޕްލޭންގެ ހިދުމަތް ވެސް ފުރަތަމަ އަމާޒު ކުރާނީ ފަތުރުވެރިކަމުގެ ޒޯންތަކަށް އިސްކަންދީގެން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ގައުމީ އެއާލައިންގެ ސީ ޕްލޭންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ދޭން. އެ ކަމަކު ފުރަތަމަ ފަށައިގަންނައިރު މި ބަލަނީ ބ. އަތޮޅާއި އ. އަތޮޅު ހިމެނޭ ގޮތަށް ދަތުރުތައް ފަށަން،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތް ފެށޭނޭ ވަކިތާރީޚެއް އަދި ނޭގޭއިރު، ނަޝާތު ވިދާޅުވީ، ދަތުރުތައް ފުރަތަމަ ފަށައިގަންނައިރު ވެސް ދުވާލަކު ފަހެއް ނުވަތަ އަށް ވަރަކަށް ދަތުރު އެޅޭވަރަށް އެޚިދުމަތް ފެށުމަށް ގައުމީ އެއާލައިނުން ވިސްނާފައިވާ ކަމަށެވެ.

ކެތޭ ޕެސިފިކްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ރޭ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވާހަކަފުޅު ދައްކަވަމުން ސިވިލްއޭވިއޭޝަން އޮތޯރިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ، މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"މިހާރުވެސް ދުނިޔޭގައި އޮތް އެންމެ ބޮޑު ސީ ޕްލޭން ފްލީޓް މި އޮންނަނީ ރާއްޖޭގައި. މިއީ އަޅުގަނޑުމެން ފަދަ ނިސްބަތުން ކުޑަ ގައުމަކަށް ހޯދިފައިވާ ވަރަށް ބޮޑު ކާމިޔާބެއް،" ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގައުމީ އެއާލައިންގެ ވިޔަފާރީގެ ތެރެއަށް ސީ ޕްލޭންގެ ޚިދުމަތް އިތުރުކުރުމުގެ މަސައްކަތްވެސް މިހާރު މިވަނީ ފަށާފައި. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާއި އަދި މޯލްޑިވިއަންއަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ،"

ނާޒިމް ވިދާޅުވީ ގައުމީ އެއާލައިނުން ސީޕްލޭންގެ ހިދުމަތް ފެށުމުން ވަޒީފާގެ ފުރުސަތުތަކާއި އަދި ބޭރުގެ ފައިސާ ވެސް ލިބުން އިތުރުވެ، އޭގެ ފައިދާ މުޅި އިގްތިސާދަށް ފުޅާ ދާއިރާއެއްގައި ކުރާނެ ކަމަށެވެ.