28 Oct 2013, 13:24
ރ. މަޑުއްވަރީގައި އިއްޔެ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ރަނގަޅުވާން ފަށައިފި އެވެ.
އިއްޔެގެ މާރާމާރީގައި ޒަޚަމްކޮށްލި އެ ރަށު ސްޓާލައިޓް މުހައްމަދު ރަދީފް 22،ގެ އެހީތެރިއެއްގެ ގޮތުގައި މާލެ އައިސްހުރި މީހާ ބުނީ ރަދީފު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށާއި ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
"ސަން"އަށް މައުލޫމާތު ދިން މީހާ ބުނީ ހަމަލަދީފައި ވަނީ ރަދީފުގެ ކަނާތު ލޮލާ ދިމާލު ބޮނޑިމަތިން ކަމަށާއި އެތަނުން ހަތަރު އިންޗިއެއްހާ ތަން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި ބޮލުގެ ދެ ތަނަކާއި މޭމަތިން ވެސް ޒަޚަމްކޮށްލާފައިވާ ކަމަށާއި ނަމަވެސް ރަދީފުގެ ލޮލުގެ އެތެރެއަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ މީހާ ބުންޏެވެ.
"އެންމެން ފުރަތަމަ ހީކުރީ ލޮލަށް ކަމަށް. އެކަމު ތަންކޮޅެއް ބޮޑަށް ލޯ ވަޅުވަދެފައި ހުރީމަ މާބޮޑު ގެއްލުމެއް ލޮލަށް ނުލިބޭ. ލޮލުގެ ބޮނޑިމަތިން ލޯ ތެރެއަށް ލޭފައިބައިފަ ހުރީ،" އެމީހާ ބުންޏެވެ.
ރަދީފަށް ހަމަލަ ދިނުމާއި ގުޅިގެން އިއްޔެ ހަވީރު ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ރަށުން ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.