28 Oct 2013, 13:06
އެމެރިކާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްގެން މިހާރު އޮޕަރޭޓް ކުރަމުންދާ ބޯޑާ ކޮންޓްރޯލް ސިސްޓަމާ އެކު ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރުގެ ހިސާބުތައް އާންމު ނުކުރާތާ ދެ މަސްވެއްޖެ އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އާ ބޯޑާކޮންޓްރޯލް ސިސްޓަމް އައުމާ އެކު ޓޫރިސްޓުގެ ތަފާސް ހިސާބުތައް ޓޫރިޒަމް މިނިސްޓްރީ އަށް ނުދެވޭ ކަމަށެވެ. އަދި އެކަން ދިމާވަނީ ޓެކްނިކަލް މައްސަލައަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
"އާ ބޯޑާ ކޮންޓުރޯލް ސިސްޓަމް ހަވާލުކުރުމާ އެކު ޓޫރިސްޓުންގެ ތަފާސް ހިސާބްތަކެއް ނުލިބޭ" އިމިގުރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓުރީގެ އިސް އޮފިޝަލު ވިދާޅުވީ ޓޫރިސްޓް ތަފާސް ހިސާބްތައް ނުލިބޭތީ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ ޓޫރިސްޓް ތަފާސް ހިސާބުތައް ނުލިބިފައި ވަނީ ސިސްޓަމްގެ މައްސަލަތަކުން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ޓޫރިސްޓުންގެ ތަފާސް ހިސާބުތައް އާންމުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އަދީބް ވިދާޅުވި އެވެ.
ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އަންގައި ދިނުމުގެ ގޮތުން މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އިން ކޮންމެ މަހަކު ވެސް ރާއްޖެ އަށް އައި ޓޫރިސްޓުން އައި މިންވަރާއި ޓޫރިސްޓުން އައި ގައުމުތައް އެނގޭ ގޮތަށް އާންމުކުރެ އެވެ. އަދި އެ މިންވަރުތަކަށް ބަލައިގެން ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކުން އެމީހުންގެ މާކެޓްތައް އެއަންނަ ބަޔަކަށް ޓާގެޓް ކުރެއެވެ.