ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ދެވަނަމެޗުގައި ރޭ ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) ގެ އަންހެން ވޮލީޓީމާއި ކުލަބް ވެލޯޒިޔާގެ އަންހެންޓީމާއި ބައްދަލުކުރި މެޗް 3-1 ސެޓުން ކުލަބް ވެލޯޒިޔާއިން މެޗް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒް އެތެރޭ ކޯޓްގައި ކުޅެވުނު މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ވެލޯޒިއާގެ އާއިޝަތު ޝައްފާފެވެ.

ރޭގެ މެޗުގެ ސެޓް 25-20 އިންކާމިޔާބު ކުރީ ވެލޯޒިއާގެ ޓީމުންނެވެ. ދެ ވަނަ ސެޓް ވެލޯޒިއާއިން ކާމިޔާބުކުރީ 25-15 އިންނެވެ. މެޗުގެ ތިން ވަނަ ސެޓް 25-23އިން ކާމިޔާބު ކުރީ ސިފައިންގެ ކުލަބެވެ. އަދި ފަހު ސެޓް ވެލޯޒިއާގެ ޓީމުން ކާމިޔާބު ކުރީ 25-16އިންނެވެ.

ފަސް ޓީމު ވާދަކުރާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި، މުބާރާތުގެ ފާއިތުވި ފަސް އަހަރުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ކުއީންސް ސްޕޯޓްސް ކްލަބުގެ އިތުރުން މިމުބާރާތުގައި ދެން ވާދަކުރަނީ އަންހެން ވޮލީބޯޅައިގެ ތެރެއަށް އަލަށް ނުކުންނަ ދިވެހި ސިފައިންގެ ކްލަބާއި، ސްޕޯޓްސް ކްލަބް ވެލޯޒިއާގެ އިތުރުން އައިލެންޑް އޯޝަން ކްލަބެވެ.

މުބާރާތުގެ ކުޅުން ރިޔަށްދާނީ ލީގު އުސޫލުން އެއްބުރަށްފަހު، އެއްވަނަ ޓީމަށް ފައިނަލުން ޖާގަ ލިބޭއިރު ދެވަނަ ޓީމާއި ތިން ވަނަ ޓީމަށް ސެމީ ފައިނަލްގައި ވާދަކޮށް މޮޅުވާ ޓީމަކަށް ފައިނަލްގެ ފަހު ޖާގަ ލިބިގެންދާ ގޮތަށެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމުބާރާތުގައި މާދަމާ ހަވީރު 4:30 ގައި ކުޅޭ އަންހެން ޑިވިޒަންގެ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އައިލެންޑް އޯޝަން ކްލަބާއި ޕޮލިސް ކުލަބެވެ.