28 Oct 2013, 12:57
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ރީ ރަޖިސްޓްރޭޝަން ފޯމުތައް ޗެކްކުރުން ޕާޓީތަކަށް މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރޭޝަން ގުދަންގައި މިއަދު މީޑިއާ އާއި އަދި ޕާޓީތަކުގެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ ފޯމުތައް ބަލަން ހުޅުވައިލީ ބައެއް ޕާޓީތަކުގެ ކެންޑިޑޭޓުން ފޯމުތައް ޗެކްކުރަން އެދުމުން ކަމަށެވެ.
މި މަހު 19 ވަނަ ދުވަހު ބޭއްވުމަށް ޕްލޭން ކުރި އިންތިހާބުގެ ރީ ރަޖިސްޓްރޭޝަނަށް 72000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވެ އެވެ.
ޝުވައިބު ވިދާޅުވީ ޕާޓީތަކުން ފޯމުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ފޯމްތައް ބެލޭނީ ފައިލްތަކުގައި ބަހައްޓައިގެން ކަމަށާއި ފައިލުތަކުން އެއްވެސް ކަރުދާހެއް ނެގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ފޯމުތަކުގެ ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ފޯމުތައް ބެލުމަށް ކޮންމެ ޕާޓީއަކުން ފަސް މީހުންނަށް ފުރުސަތު ދެއްވާފައިވާނެ ކަމަށެވެ.
ޝުއައިބު ވިދާޅުވީ ފޯމުތައް މުޅިން ޗެކްކޮށް ނިމެން ނަގާނީ ކިހާ ދުވަހެއް ކަމެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އިލެކްޝަންސްގެ އެހެން މަސައްކަތްތަކަށް އެ އިމާރާތް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތް މެދުކަނޑާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޯމްތައް ޗެކުކުރުމުގެ ފުރުސަތު ޕާޓީތަކަށް ހުޅުވާލާފައި ވަނީ، ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރު ފަހު 2 އިން 5 އަށެވެ. އެއަށް ފަހު ރޭގަނޑު 8 އިން 10 އަށް ފޯމުތައް ބެލުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި ފޯމުތައް ބެލުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށް ޝުވައިބު ވިދާޅުވި އެވެ.
"ޓައިމަށް ބަދަލުގެންނަން ބޭނުން ވެއްޖެ ކަމަށްވާ ނަމަ އެކަމާ ދޭތެރޭ އަޅުގަނޑުމެން ވިސްނާނަން." ޝުއައިބު ވިދާޅުވި އެވެ.