އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިބްރާހީމް ވަހީދު މަގާމުން އިސްތިއުފާދެއްވާފައި ވާތީ އެކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އިއުލާނެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 3:30އާ ހަމައަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގައި ހުންނަން ޖެހޭނެ ކަމަށް އެ ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ވެސް އެ އިއުލާނުގައި ވަނީ ހިމަނާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރު ދޫކުރުމާއި، ފޯމާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 3:30 ގެ ކުރިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 3:30 އަށް ރައީސް އޮފީހުން ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެން ހުންނާނެ ކަމަށެވެ.