ފެނާންޑޯ ޓޮރޭސް މެޗުގެ ފަހު ވަގުތު ޖަހައިދިން ލަނޑާއެކު 2-1 އިން މެންޗެސްޓާ ސިޓީއަތުން މޮޅުވެ އިނގިރޭސި ލީގު ތާވަލުގެ ދެވަނަ މަގާމަށް ޗެލްސީ ކުރިއަށް ޖެހިލައިފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުން މޮޅުވުމުން ޗެލްސީއަށް ތާވަލްގެ ދެވަނަ ލިބެނީ 20 ޕޮއިންޓާއެކު ފައިދާ އެއް ގޯލްގެ ތަފާތުންނެވެ. ދެވަނައިގައި އޮތް ލިވަޕޫލްއަށް ވެސް ލިބިފައިވަނީ 20 ޕޮއިންޓެވެ. ތާއްވަލްގެ އެއް ވަނައިގައި 22 ޕޮއިންޓާއެކު އާސެނަލް އޮތްއިރު ރޭ ޗެލްސީ އަތުން ބަލިވެ މެންޗެސްޓާ ސިޓީ އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގަ އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮރޭސް ތަނަވަސް ކޮށްދިން ފުރުސަތަކުން އަންދުރޭ ޝޫލާ އެވެ. މި ލަނޑަކީ ޖަރުމަނުގެ ބޭޔާ ލެވަކޫޒަންއިން 18 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވި ފޯވަޑް ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފްގެ ކުޅުން ޗެލްސީ ކޮޅަށް ބުރަކޮށްއޮވެ ފެށިނަމަވެސް މާކަ ގިނަ އިރެއްނުވެ ސިޓީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީގެ ލަނޑު 49 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، އެޓީމްގެ އާޖެންޓީނާ ސްޓްރައިކަރު ސަޖިއޯ އަކުއެރޯ އެވެ.

ރޭގެ މެޗުގައި ސިޓީއަށް ނަތީޖާ ބަދަލުކޮށްލާނޭ ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް ހާވީ ގާސިއާ އާއި ޑޭވިޑް ސިލްވާއަށް ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތު ވަނީ ބޭކާރުވެފަ އެވެ.

ޗެލްސީގެ 50 މިލިއަން ޕައުންޑުގެ ސްޕެއިން ފޯވާޑަށް ރޭގެ މެޗުގެ މެޗުގެ ކުރީކޮޅުގައި ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވުނު ނަމަވެސް އޭނާ ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދަށްކާފަ އެވެ. އެގޮތުން ރޭގެ މެޗުން ޗެލްސީ މޮޅުވި ލަނޑު 90 ވަނަ މިނިޓުގައި ކާމިޔާބުކޮށް ޓޮރޭސް ވަނީ މެޗުގައި ކުރިން ހެދުނު ގޯސްތަކުގެ ބަދަލު ދީފަ އެވެ.

ޕްރިމިއާ ލީގުގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ތާވަލުގެ ފުލުގައި އޮތް ސަންޑަލޭންޑް ވަނީ، ނިއުކާސަލް އަތުން 2-1 އިން މޮޅުވެ 19 ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. އަދި ހަލްސިޓީ އަތުން 1-0 އިން މޮޅުވެ 19 ޕޮއިންޓާއެކު ޓޮޓެންހަމް ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލިއިރު، ވެސްޓްހެމް އާއި ސުވާންސީ ސިޓީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި ވަނީ އެއްވަރު ވެފަ އެވެ.