ރ. މަޑުއްވަރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

މާރާމާރީގެ މައްސަލައާއި ގުޅިގެން މަޑުއްވަރިން އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ 19 އަހަރުގެ މީހާ ފިޔަވައި ދެން ތިބި ތިން މީހުންނަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެއް ކަމަށެވެ.

އިއްޔެ މެންދުރު ހިންގި މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާ އަށް ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްގަ އެވެ. އިއްޔެގެ މާރާމާރީގައި ވަނީ ޒުވާނާގެ ލޮލަށާއި ބޮލުގެ ދެ ތަނެއްގެ އިތުރުން މޭމައްޗަށް ހަމަލަދީ ޒަޚަމްކޮށްލާފަ އެވެ.