01 Dec 2010, 05:37
ހދ. ކުޅުދުއްފުށީގައި އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު ގޭގައި ބަނދެގެން ގެންގުޅުނު މަންމަ އަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 24 އަހަރުގެ އެ އަންހެންމީހާ މިއަދު ހެނދުނު ފުލުހުން ހައްޔަރު ކުރީ ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ޖެންޑާ ޑިޕާރޓްމަންޓްގެ ބޭފުޅުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެ ކުޑަކުއްޖާ ބަނދެފައި ހުންނަނީ އެ ކުއްޖާގެ ފައިގައި ވާގަނޑަކުން އައްސައި ކޮޓަރިއެއްގެ ކުޑަދޮރުގެ ތޭރިތަކުގައި ވާގަނޑުގެ އަނެއްކޮޅު އައްސައިގެން ކަމަށެވެ. އަދި އެ ކުއްޖާގެ ދެފައިގެ ކުޑަހުޅާހިސާބުގައި އެގޮތަށް އެއްސުމުގެ ސަބަބުން ލަކުނު ލާފައި ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާއަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ކުއްޖާއަކީ އެ އަންހެންމީހާގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ފުލުހުން ބުންޏެވެ.