28 Oct 2013, 11:39
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ރޭ ބައްދަލުކުރައްވައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށާއި އަދި ދެވަނަ ބުރު ބާއްވަން ޖެހިއްޖެ ނަމަ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ދެވަނަ ބުރު ބޭއްވުމަށް އެއްބަސްވެފައި ވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ނިންމެވުމަކީ ގައުމުގެ މަސްލަހަތާއި ހަމަޖެހުމަށް ޓަކައި އެބޭފުޅުން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ.
ތިން ކެންޑިޑޭޓުންނަކީ އެބޭފުޅުންގެ އަމިއްލަ ސިޔާސީ އަމާޒުތަކަށް ވުރެ، ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅުންކަން އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރަށް ޔަގީންވެފައިވާ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުންގެ އިތުބާރުއޮތް އިންތިޚާބެއް ބޭއްވެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އިލެކްޝަންސް ކޮމިޝަނުން ކުރާނެކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ.