28 Oct 2013, 11:07
މިއަހަރު ރިސެސްއަށް ނުދިޔުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމައިފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން މިގޮތަށް ނިންމާފައި ވަނީ، މި އަހަރުގެ ޑިސެމްބަރު މަހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް މައުލޫމާތު ދީފައިވާތީ ކަމަށް ހައިކޯޓުން ބުންޏެވެ.
ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ހައިކޯޓުގެ އަހަރީ ޓާމަކީ، ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހެވެ.
ރިސެސްއަށް ނުދިޔުމަށް ނިންމުމުން މިހާރެކޭ ވެސް އެއްގޮތަށް ޑިސެމްބަރު މަހުގެ ތެރޭގައި މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށްދާނެ ކަމަށް ހައިކޯޓުން ބުންޏެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ ދެން ޖެހޭނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާށެވެ.