ރައްޔިތުންގެ މަޖިލީހުގައި އެންމެ ހަރަކާތްތެރި ކޮމެޓީއަކީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އެވެ. އެ ކޮމެޓީ އަށް މުގައްރިރުންނަށް އަބަދުވެސް ހޮއްވަވަނީ އޭރު އޮންނަ ސަރުކާރަކާ އިދިކޮޅު މެންބަރެކެވެ. މެޖޯރިޓީ ވެސް އޮންނާނީ ސަރުކާރާ ދެކޮޅު ޕާޓީތަކަށެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމަށް ވަޑައިގަތުމާ އެކު އެ ކޮމެޓީގެ މުގައްރިރަކަށް ހޮވިވަޑައިގެންނެވީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ. އޭރު އެއީ ހަމައެކަނި އެމްޑީޕީގެ ކޮމެޓީ އެވެ. މަޖިލީހުގައި އެންމެ ހަރަކާތްތެރި ކޮމެޓީ ވެސްމެ އެވެ.

ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަކީ ރާއްޖޭގެ "ބަރުލަމާނީ" ހަޔާތުގައި އެމްޑީޕީ ކާމިޔާބު ދައުރެކެވެ. މަޖިލީހުގެ އެންމެ މުހިއްމު ހަ ކޮމެޓީގެ މުގައްރިރުކަން އެމްޑީޕީ ހޯދާފި އެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ހޮއްވަވާފައިވާ އިރު، ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރަކީ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ހޮއްވަވާފައިވާއިރު މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އިމްތިޔާޒު ކޮމެޓީ އަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހޮއްވާފައިވާ އިރު، އާންމު ކޮމެޓީގެ މުގައްރިރަކަށް މިއަދު ހޮއްވެވީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ.

ގައުމީ ސަލާމަތު ކޮމެޓީ ފިޔަވައި އެހެން ކޮމެޓީތަކަކީ ކުރިން ޕީޕީއެމުން ކޮންޓްރޯލް ކުރަމުންދިޔަ ކޮމެޓީތަކެވެ. މުގައްރިރުންނަށް ވެސް ތިއްބެވީ ސަރުކާރަށް ތާއިދު ކުރާ މެންބަރުންނެވެ.

އެމްޑީޕީ އަށް މަޖިލީހުގެ މުހިއްމު ކޮމެޓީތަކުގެ މެޖޯރިޓީ ލިބިގެންދަނީ ޑީއާރްޕީގެ މެންބަރުންގެ ތާއިދާއެކު އެވެ. އެމްޑީޕީ މެންބަރުން ކޮމެޓީތަކުގެ މުގައްރިރުންނަށް ވެސް ހޮއްވަވަނީ ޑީއާރްޕީގެ ވޯޓުންނެވެ.

އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ކޮމެޓީތަކުގައި މުހިއްމު ބިލްތަކާއި ގާނޫނުތަކަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތަކުގެ ބިލްތައް "ޕާކުކޮށްފައި" އެބަހުއްޓެވެ. އެ މަސައްކަތްތައް ކޮމެޓީތަކުގައި ފުނިޖެހިފައި އޮތީ ކޮމެޓީތަކުގެ މުގައްރިރުންގެ ކަންނެތް ކަމާއި ސަލާމުކަން ކުޑަވުމުންނެވެ.

އުންމީދަނީ އެމްޑީޕީގެ ސާފު މެޖޯރިޓީއާއެކު ބިލްތަކާއި އިސްލާހުތަކާއި މަސައްކަތްތައް އަވަސްވެދިއުމެވެ.