28 Oct 2013, 10:43
ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހާޒިރުނުކުރެވޭތީ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 9:00 އަށް ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް ހާމިދު ހާޒިރުކުރެވިފައި ނުވާތީ ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށެވެ.
"ކޯޓަށް ފިއްލެވުމަށް" މަޖިލީހުގެ އިދާރާގެ ތެރޭގައި ހާމިދު ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ހާމިދު ހައްޔަރުކޮށްގެން މިއަދު 9:00 އަށް ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ފުލުހުން ވަނީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާމިދު ހައްޔަރުކުރެވިފައި ނުވަނީ މަޖިލީހުގެ އެއްބާރުލުން ލިނިފައިނުވާތީ ކަމަށާއި އޭނާ ހައްޔަރުކުރުމަށް މަޖިލީހުގެ އެއްބާރުމަށް އެދި ފުލުހުންގެ ފަރާތުން މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެން އެތަނުން ދިން ޖަވާބު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ހާމިދާއި އިތުރު ބަޔަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ (ށ)ގައި ބުނަނީ މެމްބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަންނަ އައުމުގަ އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސް ކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.