އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ރިޔާސީ ތިން ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެކަންވާން އަދި ނެތް ކަމަށް އެ އެކޮމިޝަނުން ބުނެފި އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން އޮތް ރިޔާސީ އިންތިހާބު އަންނަ މަހުގެ ދެ ވަނަ ދުވަހަށް އަވަސް ކުރުމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ހެނދުނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނާ އެކު ތިން ކެންޑިޑޭޓުން ބޭއްވި ބައްދަލުވުމަށް ފަހު ތިން ކެންޑިޑޭޓުން ވެސް ވިދާޅުވީ އިންތިހާބު ބޭއްވުމަށް އިލެކްޝަނާ އެކު އެއްބަސްވުމަށް އާދެވިފައިނުވާ ކަމަށެވެ. ނަމަވެސް އިންތިހާބު އަވަސް ކުރުމަށް އިލެކްޝަނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްގެން އިންތިހާބު އަވަސް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ތިން ކެންޑިޑޭޓުން ވެސް ވިދާޅުވި އެވެ.

އަދި އަލުން ތިން ކެންޑިޑޭޓުން މަޝްވަރާ ބައްދަލުވުމަކަށް ދިއުމަށް އެއްބަސްވެފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވި އެވެ. އަދި އަށް ފަހު އިތުރު މަޝްވަރާއަކަށް އިލެކްޝަނާ އެކު ތިން ކެންޑިޑޭޓުން ދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ އިދާރީ ގޮތުން ދިމާވެފައިވާ ދަތިތައް ކަމަށެވެ. އެހެން ކަމުން އިލެކްޝަނާ ވާހަކަ ދައްކައިގެން ނޮވެމްބަރު ނުވައެއްގެ ކުރިން އިންތިހާބު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ފަހެއް، ހައެއް، ހަތެއް މިއިން ދުވަހެއްގައި އިންތިހާބު ބޭއްވި ދާނެ [ކަމަށް]، ދައުލަތުން ބޭނުންވާ ރިސޯސް އިލެކްޝަނަށް ފޯރުކޮށްދީގެން. ރީ ރަޖިސްޓްރީކޮށްފައި ތިބި މީހުނަށް ވެސް ފުރުސަތު ދީގެން ކުރުމުގެ ޕޮސިބިލިސްޓީ އޮތް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" ޔާމީން ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިންތިހާބު އަވަހަށް "ކުރުގަޅުވާލައިގެން" ބާއްވައިފި ނަމަ ރައްޔިތުންގެ ހައްގުތަކެއް ގެއްލޭނެ ކަމަށް މަޝްވަރާތަކުގައި އިލެކްޝަނުން ބުނި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށް އިލެކްޝަނުން ނުބުމުން ނޮވެމްބަރު 11ގެ އިންތިހާބީ ރައީސަކު ހޮވުމަށް އެހެން ގޮތެއް ހޯދަން ތިން ކެންޑިޑޭޓުން އިތުރު މަޝްވަރާ ކުރަން ނިންމި ކަމަށެވެ.

އިންތިހާބު އަވަސްކުރެވޭނެ ގޮތަކާ މެދު ރިޔާސީ ތިން ކެންޑިޑޭޓުން ވަނީ ރޭ ޓްރޭޑާސް ހޮޓެލްގައި ބައްދަލުވުމެއް ބާއްވާފަ އެވެ.