28 Oct 2013, 09:32
މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކަމާ ބެހޭ ފަރާތްތަކުން ވަނީ ކޮށްފަ އެވެ. މީގެ 36 އަހަރު ކުރިން އެކުލަވާލި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އުވާލައި އައު ގާނޫނެއް ވުޖޫދު ކުރި އެވެ. ބޮޑެތި ބަދަލުތަކަކާ އެކު މަސްތުވާތަކެއްޗާ ބެހޭ އައު ގާނޫނަށް އަމަލު ކުރަން ފެށީ 2011ގަ އެވެ. ނަމަވެސް އެންމެންގެ މައްޗަށް ހަމަހަމަވާން ޖެހޭ ގާނޫނަށް މިއަދު ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ފުލުހުން ހައްޔަރު ކުރާ މީހުންގެ ޔޫރިން ނުދީފި ނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާތީ އެވެ.
މިހާތަނަށް އެ ގާނޫނުގެ 123 ވަނަ މާއްދާގެ ށ.ގެ ދަށުން ޝަރީއަތަށް ހާޒިރުކޮށް ފަނޑިޔަރުންގެ މުގުރުން ޖަހައި އިއްވި ހުކުމްތަކުން، އަދަބު ލިބެމުންދާ މީހުން މަދެއް ނޫނެވެ. ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށްގެން މިދިޔަ އަހަރު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ތަފާތު ދެ މައްސަލައެއްގައި އެ ކޯޓުން ވަނީ ތިން ޒުވާނެއްގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
އޭގެތެރެއިން އެކެއްގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މަގުމަތީގައި ގްރޫޕް ހަދައިގެން އުޅެނިކޮށް "ކެނޑިފައި" ހުރި ކަމަށް ޝައްކުކުރެވިގެން ޔޫރިން ދިނުމަށް އެދުމުން އެކަމަށް އިންކާރު ކުރި ކަމަށް ސާތިބުވެގެންނެވެ. އަނެއް ދެ މީހުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެއަށް ގޮސް މަސްތުވާތަކެއްޗާ އެކު އެ ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދޭން ބުނުމުން ކުޑަކަމުދާތަކެތި ދީފައި ނުވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ. މީގެ އިތުރުން ވެސް މިފަދަ އެތައް މައްސަލައެއްގައި މިހާތަނަށް މި ގާނޫނުގެ ދަށުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގައި އިސްކޮށް އުޅޭ ކައުންސިލަރަކު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށް އެ ގާނޫނުގައިވާ އެ މާއްދާގެ ދަށުން އެބަ ބާރު އަޅާ ކަމަށެވެ. ނަމަވެސް އެ އަދަދު ލުއިވެގެން ހިނގައްޖެ ނަމަ މި މައްސަލަ އިތުރަށް ފުޅާވެ މުޖުތަމައުގައި އެ ކަމުގެ ތެރޭގައި ޒުވާނުން ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުވެގެން ހިނގާދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
"މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އަދަބު ދެވެން އެބަޖެހޭ. އަދި އެކަމުން ސަލާމަތްވެ މުޖުތަމައުގެ ތެރެއަށް އަންނަން ބޭނުންވާ މީހުންނަށް އެހީވާން ވެސް އެބަޖެހޭ. ނަމަވެސް މިހާރު ގާނޫނުގައި މި އޮތް އަދަބު ލުއިކުރުމަކީ އެކަމުގެ ނުރައްކާ ހައްދު ފަހަނަ އަޅައިދާނެ މިންވަރަކަށް އިތުރުވެގެންދާނެ ކަމެއް، އެފަދަ މީހުންނަށް ފަރުވާދިނުމަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުކޮށް އެ މައްސަލައަށް ހައްލެއް ހޯދުމަކީ ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާއެއްގެ ޒިންމާއަކަށްވާ އިރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޔޫރިން ޕޮޒިޓިވްވީމަ ދޭ އެއް އަހަރުގެ އަދަބު ކުޑަކޮށްފި ނަމަ އެ މީހުންނަށް ފަރުވާދިނުމުގެ އިތުރުން އެފަދަ މީހުން އަތުލައިގަތުމުގައި ވެސް ފުލުހުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެ އެވެ. އެހެން ކަމުގައިވާއިރު މިހާރު ގާނޫނުގައި އޮތް އަދަބަކީ ކޮންމެހެން ވެސް ދެވެން ޖެހޭނެ އަދަބެއް ކަމުގައި ގިނަ ބަޔަކު ގަބޫލްކުރެ އެވެ.
ނަމަވެސް އެ އަދަބަކީ ބޮޑު އަދަބެއް ކަމުގައި ދެކިގެން ކުއްލިއަކަށް ތެޅިގަތީ މަޖިލީހުގެ މެމްބަރުންތަކެއްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ޖިނާއީ ދައުވާ ކުރަން ފެށި، ކުޑަކަމުދާ ތަކެތި ދިނުމަށް އެ މެމްބަރުން އިންކާރު ކުރި ހިސާބުންނެވެ. އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ އިއްޒަތްތެރި ދެ މެންބަރުންނަކީ ހެންވޭރުދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ޔޫރިން ނުދިނުމުގެ އަދަބު ލުއި ކުރުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ތަންފީޒު ކުރަން މަތިކޮށްފައިވާ ފަރާތްތަކުން އެ މާއްދާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަށާފައިވާތީ އާއި މަސްތުވާތަކެއްޗާއި ބެހޭ ގޮތުން ކުރިން އަމަލްކުރަމުން އައި ގާނޫނު އުވާލައި އަލަށް އަމަލްކުރަން ފެށި ގާނޫނުގެ މަގްސަދާ ފުށުއަރާތީ ކަމަށެވެ. އެގޮތުން ކުރިން އަމަލު ކުރަމުންއައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އުވާލުމުގެ މަގުސަދަކީ ޖަލުގެ މާހައުލުގައި އަދި އެ މާހައުލުން އަށަގަންނަ ނޭދެވޭ ކަންކަމާ ދުރުކޮށް، ފަރުވާއަށް މަގުފަހިކޮށް ރީތި ދިރިއުޅުމުގެ އަދާކުރުމުގެ ފުރުސަތު ލިބިދިނުން ކަމުގަ ވިދާޅުވި އެވެ. އަދި ޔޫރިން ނުދީގެން ދުނިޔޭގައި އެހެނިހެން ގައުމުތަކުގައި ދޭ އަދަބަށްވުރެ ރާއްޖޭގައި ދެވޭ އަދަބަކީ "އެކްސްޓްރީމް" އަދަބެއް ކަމުގައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލް ގާނޫނަކަށް ވެއްޖެ ނަމަ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރާ މީހުން ނުވަތަ އެނޫން ވެސް މައްސަލައެއްގައި ހާޒިރުކޮށް ޔޫރިން ޓެސްޓްކުރުމަށް ފުލުހުން ބޭނުންވި ނަމަވެސް އެމީހަކަށް ޔޫރިން ނުދީ ހިފަހައްޓާލުމުން ލިބެނީ ވަރަށް ކުޑަ އަދަބެކެވެ. އެގޮތުން އެއް އަހަރުގެ ޖަލު ހުކުމް ތިން ގޮތަކަށް ލުއި ކުރުމަށް އެ ބިލްގައި ކަނޑައަޅައިފައިވެ އެވެ. އެއީ ކުޑަކަމުދާ އެއްޗެހި ނުވަތަ ޔޫރިންގެ ސާމްޕަލެއް ދިނުމަށް އިންކާރުކޮށްފި ނަމަ އެމީހެއްގެ އަދަބަކީ 15 ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ގޭ ބަންދު ކުރުން ނުވަތަ 12،000ރ. އިން ޖޫރިމަނާ ކުރުމެވެ.
"ކޮން ކަމެއް މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދިއްޖެ ނަމަ ނޫރިން ނުދީ ހިފަހައްޓާލީމަ ނިމުނީ. އެންމެ ބޮޑުވަރަކަށް ދޭނީ 15 ދުވަހުގެ ޖަލު ހުކުމެއް. ދެން މީރުކޮށް ކާލައިގެން ދެ ހަފްތާ ޗުއްޓީއެއް ހަދާލައިފައި އަމައި އެވީއެއްނު. އަތުން އެއްވެސް ހަރަދެއް ވެސް ނުދާނެ ވިއްޔަ،" ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޔޫރިން ދިނުމަށް އިންކާރުކުރުން ދެވޭ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމް ލުއިކުރުމާ ބެހޭ ބިލާ މެދު ހިތް ހަމަނުޖެހިގެން ރައްޓެއްސަކު ބުންޏެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައިވާ އިރު އަދި މަސްތުވާތަކެތި ބޭނުން ކުރުމުގައި ދީނުގައިވާ ހުކުމް ރަނގަޅަށް އެނގޭއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި އެފަދަ ކުއްތަކަށް ދެވޭ އަދަބަކީ ކޮބައިތޯ ބެލުމަކީ މުހިންމު ކަމެއްތޯ ކަނޑައެޅިދާނެތޯ އެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ޔޫރިން ދިނުމަށް އިންކާރުކޮށްފި މީހެއްގެ އަދަބު ކުޑަކުރުމަކީ މި މައްސަލައަށް ހައްލު ކަމުގައި ވެގެންނުވާނެ އެވެ. އަދި ވަކި ބަޔަކާ ޖެހުމުން އެ އަދަބަކީ ބޮޑު އަދަބެއް ކަމުގައި ކަނޑައަޅައި އަދަބު ލުއި ކުރުމަކީ އިންސާފު ކަމުގައި ބެލެވިދާނެތޯ އެވެ.