28 Oct 2013, 08:50
ކޮލަންބޯ (އޮކްޓޯބަރ 27): އަންނަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތްގެ އެންމެ އިސްވެރިންގެ ސަމިޓްގައި އިންޑިޔާ އިން ބައިވެރި ނުވެއްޖެ ނަމަ އިންޑިޔާ އާއި ސްރީލަންކާގެ ގުޅުންތައް ގޯސްވެގެންދާނެ ކަމަށާ އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ އިންޑިޔާއާ ދުރަށްގޮސް ސަރަހައްދުގައި އިންޑިޔާ އެކަހެރިކުރުމަށް މަސައްކަތްކުރާނެ ކަމުގެ އިންޒާރު ސްރީލަންކާއިން ދީފި އެވެ.
ކޮލަންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓަކީ ސްރީލަންކާއަށާއި އޭޝިޔާއަށް ވެސް ޑިޕްލޮމެޓިކްގޮތުންނާއި ޚާރިޖީ ގުޅުންތަކުގެ ރޮނގުން މުހިއްމު ސަމިޓެއްކަން ބަޔާންކުރައްވަމުން ނިއުދިއްލީގައި ހުންނަވާ ސްރީލަންކާގެ ސަފީރު ޕްރަސާދް ކަރިޔަވަސަމް ވިދާޅުވީ މިއީ ތިރީސް އަހަރަށް ފަހު އޭޝިޔާގެ ޤައުމެއްގައި ކޮމަންވެލްތްގެ އެންމެ އިސްވެރިންގެ ސަމިޓެއް ބޭއްވޭ ފަހަރު ކަމަށާއި މިސިޓް އެއްވެސް ޤައުމަކުން ބޮއިކަޓް ކުރުމަކީ ސީރިޔަސް ކަމެއްގެ ގޮތުގައި ސްރީލަންކާ އިން ދެކޭނެ ކަމެއް ކަމުގަ އެވެ. މިސަމިޓް، ސްރީލަންކާގައި ބޭއްވުމަށް ނިންމީ ކޮމަންވެލްތުގެ ގައުމުތަކުން ކަމަށާ އޭގެތެރޭގައި އޭޝިޔާގެ ގައުމުތައް ގިނަކަމަށްވެސް ކަރިޔަވަސަމް ވިދާޅުވި އެވެ.
ސްރީލަންކާގައި ދިރިއުޅޭ އިންޑިޔާގެ ތަމަޅަ ދަރިކޮޅަށް ނިސްބަތްވާ ތަމަޅައިންގެ އިންސާނީ ހައްޤުތަކަށް ސްރީލަންކާ ސަރުކާރުން އަރައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޮމަންވެލްތްގެ ސަމިޓްގައި ބައިވެރިވާން ފަސްޖެހޭ ފަދަ ނިޝާންތަކެއް އިންޑިޔާ އިން ގެންދަނީ ދައްކަމުންނެވެ. އިންޑިޔާގެ ޓެމިލްނާޑޯ ސްޓޭސްގެ ލޯކަލް ސަރުކާރުން ވަނީ ކޮލަންބޯ ސަމިޓްގައި އިންޑިޔާ ބައިވެރިނުވުމަށް އެދި އިންޑިޔާގެ މައިސަރުކާރަށް ރަސްމީގޮތުން ދަންނަވާފަ އެވެ. އަދި ޓެމިލްނާޑޫގައި ކޮލަންބޯގެ ސަމިޓްގައި އިންޑިޔާ ބައިވެރިނުވުމަށް ގޮވާލައި ވަރަށްގިނައިން މުޒާހަރާތައް ވެސް ކުރަމުން ގެންދެ އެވެ.
އަނެއްކޮޅުން ސަމިޓް ބޮއިކަޓް ނުކުރުމަށް އެދި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ސޮއިކުރައްވާފައިވާ ސިޓީއެއް އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގަށް ދާދިފަހުންވަނީ އަރުވާފަ އެވެ. މިކަމާބެހޭ ގޮތުން ދެއްވި ބަޔާނެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންހް ވިދާޅުވެފައި ވަނީ ކޮލަންބޯ ސަމިޓްގައި ބައިވެރިވުމުގައި އިންޑިޔާ ގޮތެއް ނިންމާއިރު އިންޑިޔާގެ ދާޚިލީ މަސްލަހަތާއި ޚާރިޖީ ގުޅުންތަކާ އަދި ބައިނަލްއަގުވާމީ ޒިންމާތަކަށް ވެސް ސަރުކާރުން ވިސްނާނެ ކަމުގައެވެ. މިސަމިޓްގައިބައިވެރިވުމާ ބެހޭ ގޮތުން އިންޑިޔާ އިން ގޮތެއް ނިންމާނީ ފަހުގެ ތާރީޚެއްގައި ކަމަށް ވެސް ސުޖާތާ ވިދާޅުވެފައިވެ އެވެ.
ސްރީލަންކާ އިން އިންސާނީ ހައްޤުތަކަށް އަރައިގަންނަ ކަމަށް ބުނެ ހުޅަނގުގެ ހަރުކަށި ގައުމެއް ކަމަށްވާ ކެނެޑާއިން ވަނީ ކޮލަންބޯގެ ސަމިޓްބޮއިކަޓް ކުރާނެކަން ހާމަކޮށްފަ އެވެ. ކެނެޑާ ފިޔަވައި އެހެންއެއްވެސް ގައުމަކުން މިފަދަ ހަރުކަށި ނިންމުމެއް މިސަމިޓާ ބެހޭ ގޮތުން މިހާތަނަށް ނިންމާފައެއް ނުވެ އެވެ. ކޮލަންބޯގެ ސަމިޓްއިގިރޭސިވިލާތުން ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ވަލީއުލްއަހްދު ޗާލްސްކަމަށް ޚަބަރު ލިބެ އެވެ. (ރޮއިޓާސް)