އެއް މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެއަށް ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް އަންނަމަހު ވާސިލްވެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ކުރިއަރާފައިވާ އެއާލައިނެއް ކަމަށްވާ ހޮންކޮންގްގެ ކެތޭ ޕެސިފިކްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ބޭއްވި ހަފްލާގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އަހުމަދު އަދީބު ވިދާޅުވީ، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިޔަން ފަތުރުވެރިޔާ އަންނަ ނޮވެމްބަރު މަހުތެރޭގައި ޒިޔާރަތް ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ފަހުގެ ސްޓެޓިސްޓިކްތައް މިހާރު ލިބިއްޖެ. އަޅުގަނޑުމެން މިހާރު ދިރާސާ ކުރަމުން މިގެންދަނީ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އިރާދަކުރެއްވިއްޔާ ނޮވެމްބަރުމަހު އެއް މިލިޔަން ހަމަވާނެ،" އަދީބު ވިދާޅުވި އެވެ. "އެހެންވީމާ ނޮވެމްބަރު މަހުގެ ތެރޭގައި އަޅުގަނޑުމެން ފާހަގަކުރާނަން ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިޔަން ފަތުރުވެރިޔާ ވެސް. އެކަން ހިމަނާފައި މިވަނީ ރާއްޖޭގެ ފަތުރުވެރި ކަމަށް 40 އަހަރު ފުރުމުގެ މުނާސަބަތުގެ ތެރޭގައި،"

އަދީބު ވިދާޅުވީ ހޮންކޮންގްގެ ޑައިރެކްޓް ފްލައިޓެއް ރާއްޖެއަށް ދަތުރުތައް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާވެގެން ދިއުމަށް ކުރިއަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"ހޮންކޮންގަކީ މިއަދު މުޅި ދުނިޔޭގެ ސިޓީއެއްގެ ގޮތުގައި ދެކޭތަނެއް. އެބޭފުޅުން މާކެޓް ވެސް ކުރަމުން އެ ގެންދަނީ ވޯލްޑްސިޓީ އިން އޭޝިއާ. އެހެންވީމާ އެތަނާ 'ސަނީ ސައިޑް އޮފް ލައިފް' ދިވެހިރާއްޖެއާ ގުޅުވާކުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ސްޓްރެޓެޖިކް މޫވްއެއް،" ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ރާއްޖެއަށް ދަތުރުކުރާ މެދުއިރުމަތީގެ އެއާލައިންތައް މިހާރު ވެސް ވަރަށް ގިނަ ކަމަށާއި، އެހެން ނަމަވެސް އިރުމަތީ އޭޝިއާގެ ދަތުރުތަކަށް ހާއްސަކޮށް ގިނައިން ހުރީ ޗާޓަރު ފްލައިޓްތަށް ކަމަށް ވުމުން ކެތޭގެ ދަތުރުތަކާއެކު ރާއްޖެއަށް ދަތުރު ކުރާ އޭޝިއާގެ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުވެގެން ދާނެ ކަމަށެވެ.

"މެދުއިރުމަތީ ގެ އެއާލައިންތައް ވަރަށް ބައިވަރު މިތަނަށް އަންނަ. އެހެން ނަމަވެސް އަނެއް ފަޅިން ގިނައިން މި އަންނަނީ ޝެޑިއުލް ފްލައިތްތަކަށްވުރެ ގިނައިން ޗާޓަރު ފްލައިޓްތައް. ޕްރެމިއަމް އެއާލައިނަކަށް މިފަޅިން މިއޮތީ ހަމައެކަނި ސިންގަޕޯ އެއާލައިން. އަޅުގަނޑު ދެކޭ ގޮތުގައި ހޮންކޮންގާ ދިވެހިރާއްޖެއާ ދެމެދު ކެތޭ ޕެސިފިކުން ގުޅުވައިލުމުން އަޅުގަނޑުމެންނަށް އާސިއާން އަދި އެހެނިހެން ސަރަހައްދު ތަކުން ވެސް ޓްރެފިކް ގެނެވޭނެ... ޔޫއެސް މާކެޓް ޓެޕް ކުރުމުގައި ވެސް އަޅުގަނޑުމެންނަށް ކުރިއެރުންތަކެއް ލިބިގެންދާނެ،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރި ކަމަށް 40 އަހަރު ފުރުން ފާހަގަ ކުރަމުން މިދާ އަހަރުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ރާވައި ހިންގަމުން ގެންދާ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އިތުރު އެއާލައިން ތަކުން ވެސް ރާޖެއަށް ދަތުރުތައް ކުރުމަށް މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުން ގެންދާ ކަމަށް އަދީބު ވިދާޅުވި އެވެ.

"ސިވިލް އޭވިއޭޝަނުން މިއަދުގެ ޑިފެންސް މިނިސްޓަރު ނާޒިމް އެކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން، ވަރަށް ފުލް ސްޕީޑެއްގައި މަސައްކަތް އެ ގެންދަވަނީ... މިހާރު ރޯޔަލް ޖޯޑޭނިއަން އެއާލައިންސުން ވަނީ އެޕްލައި ކޮށްފައި އަދި ސިންގަޕޯގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޓައިގާ އެއާލައިންއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" އަދީބު ވިދާޅުވި އެވެ.

އަދީބު އިތުރަށް ވިދާޅުވީ، ގިނަ އެއާ ލައިންތަކެއް ރާއްޖެއަށް ދަތުރުކުރާ ނަމަ ރާއްޖޭގެ ފަތުރުވެރި ކަމަށް އޭގެ ފައިދާ ސީދާ ގޮތުގައި ކުރާނެ ކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްދާ މިންވަރު އޭގެއިން ދައްކުވައިދޭ ކަމަށެވެ.