28 Oct 2013, 08:39
ހޮންކޮންގްގެ ކުރިއަރާފައިވާ ބައިނަލްއަގްވާމީ އެއާލައިނެއް ކަމަށްވާ ކެތޭ ޕެސިފިކްގެ ސީދާ ދަތުރުތައް ހޮންކޮންގުން ރާއްޖެއަށް ރޭ ފަށައިފި އެވެ.
ކެތޭޕެސިފިކްގެ ފުރަތަމަ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަންލް އެއާޕޯޓް (އައިއެންއައިއޭ)އަށް ޖެއްސީ ރޭ 9:30ގަ އެވެ. އެފްލައިޓުން ދަތުރުކުރި ކެތޭގެ ޕެސިފިކްގެ ޖެނެރަލް މެނޭޖަރު ފޯ ސައުތު އޭޝިއާ، މިޑްލްއީސްޓް އެންޑް އެފްރިކާ، ޗާލީ ސްޓްވާޓް ކޮކްސް އާއި އެހެނިހެން މެހެމާނުންނަށް މަރުހަބާ ވިދާޅުވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމާއި، ޓޫރިޒަން މިނިސްޓަރު އަޙްމަދު އަދީބާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހީމް ސަލީމުގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫ ހޮންޔާއޯ އެވެ.
ކެތޭ ޕެސިފިކުން ހޮންކޮންގާއި ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރަނީ ދިގު ދަތުރުތަކަށް ބޭނުންކުރާ އެއާބަސް އޭ330-300 މަރުކާގެ ބޯޓެކެވެ. ބިޒްނަސް ކްލާސް 28 ސީޓާއި ނިއު ޕްރެމިއަމް އިކޮނޮމިކް ކްލާސް 35 ސީޓާއި އިކޮނޮމިކް ކްލާސް 175 ސީޓާއެކު 238 ފަސިންޖަރުންނަށް ދަތުރު ކުރެވެ އެވެ. އަދި އެ އެއާލައިންގެ ފްލައިޓްތަށް ހަފްތާއަކު ހަތަރު ދުވަހު ރާއްޖެއަށް ދަތުރު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ކެތޭ ޕެސިފިކްގެ ދަތުރުތަށް ރާއްޖެއަށް ފެށުމުން އައިއެންއައިއޭގެ ވީއައިޕީ ލައުންޖުގައި ރޭ ބޭއްވި ހާއްސަ ހަފްލާގައި ސްޓެވާޓް ކޮކްސް ވިދާޅުވީ، ރާއްޖެއަކީ އެ އެއާލައިން އިން ދަތުރުކުރާ 52 ވަނަ މަންޒިލް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު އެއާ ކާގޯ ކެރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމުން އެއާކާގޯގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ގަބޫލުފުޅުކުރަށްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކެތޭގެ ދަތުރުތަށް ރާއްޖެއަށް ފެށުމާ ގުޅިގެން އިރު އުތުރު އޭޝިއާގެ ގައުމުތައް ކަމަށްވާ ދެކުނު ކޮރެއާ، ޖަޕާން، ޗައިނާ އަދި ހޮންކޮންގުން ރާއްޖެއަށް ދަތުރުކުރާ މީހުން އިތުރުވެގެން ދާނެ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ފަސިންޖަރުން ލިބޭ މިންވަރުގެ މައްޗަށް ބަލާފައި ހަފްތާގެ ހުރިހާ ދުވަހަކު ރާއްޖެއަށް ފްލައިޓްތައް ބޭއްވުމަށް ވެސް މަސައްކަތް ކުރަށްވާނެ ކަމަށް ޗާލީ ކޮކްސް ވިދާޅުވި އެވެ.
ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބަންދު ސަލީމް ވިދާޅުވީ، ކެތޭގެ ދަތުރުތަށް ރާއްޖެއަށް ފެށުން އެއީ ވަރަށް ކުރިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިންގެ ދަތުރުތައް ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިންގެ މަންޒިލަށް ފެށުން މިއީ ވަރަށް ރަނގަޅު އަދި ކާމިޔާބު ވިޔަފާރިއަކަށް ވެގެންދާނެ،" ސަލީމް ވިދާޅުވި އެވެ. "ކެތޭ ޕެސިފިކްގެ ދަތުރު ތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން ވިޔަފާރިތަކަށް އޭގެ ފައިދާ ލިބޭއިރު، މިއީ އޭޝިއާގެ މާކެޓް ރާއްޖެއަށް ފުޅާކުރުމަށް ވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް،"
ޓޫރިޒަމް މިނިސްޓަރު އަދީބު ވިދާޅުވީ، ހޮންކޮންގާއި ރާއްޖެއަކީ ވަރަށް "ސްޓްރެޓެޖިކް" ބައިވެރިން ކަމަށްވާއިރު، ކެތޭ ޕެސފިކްގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ފަތުރުވެރި ކަމަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާނޭ ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް. މިހާރު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ ކަމަށްވާއިރު މި އެއާލައިންގެ ދަތުރުތަކާއެކު ޗައިނާއިންނާއި އަދިވެސް އޭޝިއާ އާއި އާސިއާންގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ،" އަދީބު ވިދާޅުވި އެވެ.
ކެތޭ ޕެސިފިކްގެ ސީދާ ދަތުރުތައް ރާއްޖެ އާއި ހޮންކޮންގްއާ ދެމެދު ކުރުމަށް ހަމަޖެޖިފައިވަނީ، ކޮންމެ ހަފްތާއެއްގެ ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެވެ.