މާލޭގައި މިހާރު ކުރިޔަށް ގެންދާ މުޒާހަރާތަކާއި އެއްވުންތައް ކުރިއަށް ގެންދިއުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެމްޑީޕީ އާއި ޕީޕީއެމް ގެ ކިބައިން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ވަނީ އެކަމަށް އެދި އެމްޑީޕީ ގެ ޗެއާޕާސަން މޫސާ މަނިކަށާއި ޕީޕީއެމްގެ ރައީސް މައުމޫނު ޢަބްދުލް ގައްޔޫމަށް އެޑްރެސްކޮށް މާލޭ ސިޓީ ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީގަ އެވެ.

ފުލުހުން ބުނީ އެ ސިޓީގައި ބަޔާން ކޮށްފައިވަނީ މިދުވަސްވަރަކީ އޯލެވެލް އިމްތިޙާނާއި ސްކޫލުތަކުގެ ފަހު އިމްތިޙާނު ފެށިގެން ކުރިއަށްދާ ދުވަސްވަރު ކަމުން، ހުރިހާ ދަރިވަރުން ވެސް ފިލާވަޅުތައް ދަސްކުރުމުގައި ގިނަވަގުތުތަކެއް ހޭދަކުރަމުންދާތީ، މިފަދަ ދުވަސްވަރެއްގައި ސިޔާސީ ޕާޓީތަކުން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި އެއްވުންތަކުގައި ޕިކަޕްގައި ސައުންޑް ސިސްޓަމް ހަރުކޮށްގެންނާއި މެގަފޯން ބޭނުންކޮށްގެން އަޑުގަދަ ކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އަދި މުޒާހަރާގެ ސަބަބުން މަގުމަތީގައި ދުއްވާ އެއްޗެއްސާއި ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި، ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އެކަމުގެ އުނދަގޫ ފޯރާ ކަމުގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަ ކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ ދެ ޕާޓީގެ ފަރާތުން ކުރިއަށްގެންދާ މުޒާހަރާތަކާއި އެއްވުންތައް “ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” ގެ 23 ވަނަ ގައި ބަޔާންކުރެވިފައިވާ މިންގަނޑުގެ ތެރޭގައި ހިފެހެއްޓުމަށް އެދިފައިވާނެ ކަމަށެވެ.

ފުލުހުން ބުނީ މިއަދު ފޮނުވި ސިޓީގައިވާ ގޮތުން ވަކި މީހަކާއި ދެކޮޅަށް މުޒާހަރާ ކުރުމަށްޓަކައި އެ މީހަކު ދިރިއުޅޭ ގޭގެ ކައިރީގައި ނުވަތަ ދިރިއުޅޭ ފްލެޓެއް ނުވަތަ އެފަދަ ތަނެއްގެ ކައިރީގައި އަޑުގަދަކުރާ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއިން ތަނަކަށް އެއްވެ ހުއްޓި ތިބޭ ގޮތަށް ނުވަތަ އިށީންދެ ތިބޭ ގޮތަށް އެއްވުމެއް ބޭއްވުމަކީ އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ބ)އިން މަނާކޮށްފައިވާ ކަމަކަށް ވާތީ، އެފަދަ ކަންކަމަށް ސަމާލުވެ ފުލުހުންނަށް އެއްބާރުލުން ދެއްވުމަށް ވެސް މިއަދު ފޮނުވި ސިޓީގައި އެދިފައިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޭއްވުން ފަސްކުރުމާ ގުޅިގެން އެމްޑީޕީން ދަނީ ކޮންމެ ރެއަކުހެން ކަހަލަ ގޮތަކަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާކުރަމުންނެވެ. އަދި ޕީޕީއެމް އިން ވެސް ރޭ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅު ހުންނަ ސަރަހައްދަށް އެއްވެ މުޒާހަރާ ކޮށްފައިވެ އެވެ.