އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނާ މެދު މާރާމާރީ ހިންގާފައި ވާތީ އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ކުރެއްވި ކަމެއް ކަމަށާއި އެ ނާތަހުޒީބު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސާބިތު ދަރަންޏެއްގެ މަސްއަލައިގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އަލީ އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އެ ހުކުމަށް ގޮންޖަހައި ގަދަބާރުން މަޖިލީހަށް ވަންނަން މަސައްކަތްކޮށް، އާޒިމް ސަލާމަތީ ބާރުތަކާއި ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން ސިފައިން އަލީ އާޒިމް ހައްޔަރުކޮށްފައި ވާތީ އެ ޕާޓީން ވަނީ ސިފައިންނަށް ޝުކުރުއަދާކޮށްފަ އެވެ.

ބަނގުރާ ގެންގުޅުމާއި ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރުކުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ކުރެވެމުންދާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު މަޖިލީސް ތެރޭގައި ފިއްލަވާފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެހީއާ އެކު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މަޖިލީސް ތެރޭގައި ފިއްލެވުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން ފެނިފައި ނުވާ ފަދަ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެމްޑީޕީގެ އިސްވެރީންނަކީ ކޯޓުތަކަށް ވަޑައިގެން ކުށެއް ނެތް ކަން ސާބިތު ކުރުމަށް ވުރެ އެކިއެކި ތަންތަނަށް ވަނދެ ކޯޓްތަކަށް ފިއްލަވާ ބައެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.