ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޒުވާން ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ)އަށް މެލޭސިއާގެ އެންމެ ވަރުގަދަ ލީގް "ސުޕަ ލީގް" ގައި ކުޅުމުގެ ފުރުޞަތު ލިބިއްޖެ އެވެ.

ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ، މެލޭޝިއާގެ ސުޕަ ލީގްގައި ވާދަކުރާ ކުލަބެއްގެ ކުޅުންތެރިއަކު ރިލޭއާ ވާހަކަ ދައްކަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ރަސްމީ ސިފައެއްގައި ނިއުއަށް އަދި އެކަން އެނގިފައި ނުވާ ކަމަށެވެ. އަދި ރިލޭއަށް ފުރުޞަތު ލިބިފައި ވަނީ ކޮން ކުލަބަކުން ކަމެއް ވެސް އަދި އެނގިފައި ނުވާ ކަމަށް އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ، ރިލޭއަށް އެ ފުރުޞަތު ލިބިއްޖެ ކަމަށްވާނަމަ ނިއުއިން އޭނަ ދޫކޮށްލާނެ ކަމަށާއި ރިލޭގެ ކޮންޓުރެކްޓު ހަމަވާނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޓީމްގެ ނަމުގައި ހިންގާ އެފްބީ ޕޭޖުގައި ރިލޭއާ ހަވާލާދީ ބުނެފައި ވަނީ ޒުވާން އުމުރުގައި އެ ކަހަލަ ފުރުޞަތެއް ލިބިއްޖެ ނަމަ، އެފުރުޞަތުގެ ބޭނުން ހިފާނެ ކަމަށެވެ.

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި ވެސް ހިމެނޭ އުމުރުން 22 އަހަރުގެ ރިލޭ ނިއު އާ ގުޅިފައި ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގަ އެވެ.

ސަން އޮންލައިނަށް އެނގިފައިވާގޮތުގައި ރިލޭ މިވަގުތު ހުރީ އޭނަގެ އަމިއްލަ ބޭނުމެއްގައި މެލޭޝިއާގައެވެ. އެހެން ކަމުން ރިލޭގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.