27 Oct 2013, 23:40
އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ބޭނުންވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ނިންމައިފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑޭޓް އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ތިން ކެންޑިޑޭޓުން ވެސް ވިދާޅުވީ ބޭނުންފުޅު ވަނީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބޭއްވޭ ނަމަ އެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވިދާޅުވީ އިންތިހާބުގެ ތާރީހު އަވަސް ކުރުމަށް ތިން ކެންޑިޑޭޓުން އެއްބަސްވެފައިވާ ގޮތް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައި މަޝްވަރާކުރެއްވުމަށް މާދަމާ ހެނދުނު 10:00 އަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށް ތިން ކެންޑިޑޭޓުން އެއްބަސްވެފައިވެވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ މި އަންނަ ހޮނިހިރުގައި އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވި އަދި ނޮވެމްބަރު 11ގެ ކުރިން ދެ ވަނަ ބުރު ވެސް ބޭއްވޭނެ ގޮތެއް ވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އަދި އެހެންމެ ވޯޓާސް ލިސްޓްގައި ހުރި މައްސަލަތަކަށް ވާހަކަ ދެކެވިގެން ހައްލެއް ހޯދޭނެ ކަމަށް ތިން ކެންޑިޑޭޓުންނަށް ވެސް ގަބޫލު ކުރެއްވޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ ތިން ކެންޑިޑޭޓުންނަށް މިރޭ އެއްބަސްވެވުނީ ރައްޔިތުނަށް އިތުބާރުކުރެވޭ އިންސާފުވެރި އިންތިހާބެއް އަންނަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނަށް ބޭއްވޭ ނަމަ ދެ ވަނަ ބުރު އަންނަ މަހުގެ ނުވަނަ ދުވަހު ބޭއްވުމަށް ދެންނެވުން ކަމަށެވެ.
"ދެ ވަނަ ބުރު ލަސްވެގެން ނޮވެމްބަރު ނުވައެއްގައި ބާއްވާފައި ރައްޔިތުން އިންތިހާބުކުރި ރައީސަކު ނޮވެމްބަރު 11ގައި ހުވާކުރުމަށް ކުރަން ޖެހޭ ކަންކަން ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ތިން ޕާޓީގެ ފަރާތުން ކުރުމަށް މާދާމާ އަޅުގަނޑުމެން އިލެކްޝަނާ ބައްދަލުކުރަނީ،" ޔާމީން ވިދާޅުވި އެވެ.
އިންތިހާބު ބާއްވާ އިރު އެންމެ މުހިންމުކަމަކީ ވޯޓާސްލިސްޓަކީ އެންމެނަކަށް ގަބޫލުކުރެވޭ ލިސްޓަކަށްވުން ކަމަށާއި އެކަމަށް ކުރަން ޖެހޭ ކަންތައްތަކެއް ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހެޅުމަށް ވެސް މިރޭ އެއްބަސްވެވަޑައިގެންނެނެވި ކަމަށް ޔާމީން ވިދާޅުވި އެވެ. ހަމަ އެހެންމެ ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށް މާދަމާ އިލެކްޝަނަށް ހުށަހަޅަން އެއްބަސްވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވެސް ވިދާޅުވީ ގައުމު ހަމަޖެހިގެންދާނީ އެންމެނަށް ގަބޫލުކުރެވޭ ފަދަ އިންތިހާބެއް ބޭއްވުމުން ކަމަށާއި އެކަމަށް ތިން ކެންޑޭޓުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
"ރައްޔިތުންނަށް ގަބޫލުކުރެވޭ އިންތިހާބެއް ބޭއްވުމަށް ތިން ކެންޑޭޓުން ވެސް ބޭނުންވަނީ،" ގާސިމް ވިދާޅުވި އެވެ.
ތިން ކެންޑިޑޭޓުންގެ މިރޭގެ ބައްދަލުކުރެއްވުމުގައި ޖުޑިޝަލް ސާވީސް ކޮމިޝަނަށް ރައްޔިތުން މަޖިލީހުގެ ފަރާތުން އައްޔަން ކުރުމަށް ފާސްކޮށްފައިވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި ސިވިލް ސާވީސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރި ރީނީ އަބްދުއްސައްތާރު މެންބަރު މަގާމުގެ ހުވާކުރެއްވުން ލަސްވަމުންދާ މައްސަލައިގައި ވެސް ވަނީ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވެވި އެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ އެ ތާރީހަކީ އެންމެ އަވަހަށް ވެސް އެ ކޮމިޝަނަށް ތައްޔާރުވެގެން އިންތިހާބެއް ބޭއްވޭނެ ތާރީހު ކަމަށް ބުނެ އެވެ.