ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީގެ ނިވްސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑު) ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މިރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ސަން އަށް މައުލޫމާތު ދެއްވަމުން އަސްވާޑު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ކަމަށެވެ.

އެގޮތަށް ވިދާޅުވުމުން އެ ތުހުމަތު ކޮށްފައި ވަނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުން ކަމަށް އޭނާ ސުވާލު ކުރުމުން އިންވެސްޓިގޭޝަން އޮފިސަރު ޖަވާބުނުދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މައްސަލަ ހުށަހެޅީ ކޮންފަރާތަކުންތޯ އެއްސެވުމުން އެ މައުލޫމާތު ދިނުމަށް ފުލުހުން އިންކާރުކޮށްފައިވާ ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ހުރުމަތް ކެނޑޭގޮތަށް "މަގޭ ރިޕޯޓު"ގެ ނަމުގައި ރިޕޯޓެއް ތައްޔާރުކުރެއްވިންތޯ އިންވެސްޓިގޭޝަން އޮފިސަރު އެއްސެވި ކަމަށެވެ. އޭގެ ޖަވާބުގައި އެފަދަ މައްސަލަތައް ބެލުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ބްރޯޑްކާސްޓިން ކޮމިޝަނަށް ކަމަށް ދެކޭ ކަމަށް އޭނާ ދަންނެވި ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ފުލުހުންނަށް ބެލޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ މައްސަލަ ބެލުމުގެ ހައިސިއްޔަތު ފުލުހުންނަށް ލިބިގެންނުވާ ކަމަށް ރާއްޖެ ޓީވީން ދެކޭ ނަމަ އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅުމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައަކީ ފުލުހުންނަށް ބެލޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރެވޭތީ ފުލުހުންގެ ސުވާލުތަކަށް އިތުރަށް ޖަވާބު ދިނުމުގެ ބަދަލުގައި ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގެ ބޭނުން ކުރައްވާފައިވާ ކަމަށެވެ.

ފުލުސް އޮފީހުން ނުކުންނެވީ ހަނުހުރުމުގެ ބަޔާނެއް ދިނުމަށް ފަހު ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ރިޕޯޓެއް ގެނެސްދީފައި ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގާފަ އެވެ.

ރާއްޖެ ޓީވީން ވަނީ "ސަދޫމް ބާގައިގެ މީހުންގެ" ޝަރީއަތް ކުރި ގޮތް ދައްކުވައިދޭ ވީޑިއޯތަކެއް ހިމަނައިގެން ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުކިޔާފައިވާ ރިޕޯޓެއް ގެނެސްދީފަ އެވެ. ސަމޫދު ބާގައިގެ މީހުން ޝަރީއަތް ކުރި ގޮތާއި ރާއްޖޭގެ ޝަރުއީ ނިޒާމާ އެއްވެސް ތަފާތެއް ނެތް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އަސްވާޑު މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ އިރު މަދަމާ 5:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީނަށް ވެސް ވަނީ ޗިޓް ފޮނުވާފަ އެވެ.