ފަނޑިޔާރުންނާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ދެއްވައިފި އެވެ.

ސުޕްރީއާ ކޯޓުތަކަށް ހަތް ފަނޑިޔާރަކު އައްޔަންކުރުމަށް މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މީޑިއާ އަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނީ ސައްހަ މައުލޫމާތު ކަމަށެވެ. އަދި އޮޅުވާލުމެއްގެ ތެރެއިން، "ކޯޓު ކޮންޓެމްޓް" ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ސައްހަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

"އެ މައުލޫމާތަކީ [ސައްހަ ނޫން މައުލޫމާތު ކަމަށް ވަންޏާ] ފަނޑިޔާރުންނާ ގުޅުން ހުރި މައުލޫމާތު ކަމަށް ވަންޏާ ފިޔަވަޅު އަޅާނަމޭ. ކޯޓުގެ ހުރުމަތް ގެއްލޭ ކަމަށް ވަންޏާ ފިޔަވަޅު އަޅާނަމޭ. އޮޅުވާލުމެއްގެ ތެރެއިން ކޯޓު ކޮންޓެމްޓް ކުރާކަށެއް އަޅުގަނޑު ޖާގައެއް ނުދޭނަމޭ،" އަހުމަދު ފާއިޒު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު މީޑިއާ އަށް އިންޒާރު ދެއްވާފައި ވާހަކަ ދެއްކެވި އިރު ރާއްޖެ ޓީވީ ގެނެސްދިން ރިޕޯޓެއްގެ މައްސަލަ ތަހުގީކުރުމަށް އެ މަނިކުފާނު ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. އަދި ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރަކާއި ނުވަތަ ފަނޑިޔާރުގެއަކާ ބެހޭ ޝަކުވާއެއް އޮތަސް ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ކުރެވެންވާނެ ކަމަށެވެ. ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވޭ ނަމަ ގާނޫނުގެ ވެރިކަން ރާއްޖޭގައި ނެގެއްހެއްޓިގެން ނުދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުގެއަކާ ގުޅިގެން ދެކެވޭ ވާހަކައެއްގެ ސަބަބުން، ފަނޑިޔާރެއްގެ މައްޗަށް އޮތް ޝަކުވާއެއްގެ ސަބަބުން އެއީކީ ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫން. މި ރާއްޖޭގައި ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ކުރެވޭނެ. ފަނޑިޔާރުގޭގެ ނިންމުންތައް ތަންފީޒު ނުކުރެވޭ ކަމަށްވަންޏާ ރާއްޖޭގެ ރޫލް އޮފް ލޯ ނެގެހެއްޓިގެނެއް ނުދާނެ." ފާއިޒު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ސުވާލު ކުރުމުގެ ޖާގަ ނޯންނާނެ ކަމަށާއި "ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ނުވާންވީ ހާލަތެއް، ނުކުރަންވީ ދުވަހެއް މި ގައުމުގައި އޮވެގެން ނުވާނެ" ކަމަށެވެ.