27 Oct 2013, 21:16
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމްކޮށްގެން ބާއްވާ ޕަސްކަލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޒަންގައި މިއަދު ހަވީރު ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ކުއީންސް ސްޕޯޓްސްއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.
ޕޮލިހުންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ސެޓްތައް އެޓީމުން ގެންގޮސްފައިވާ ގޮތައްބަލާއިރު، ފުރަތަމަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-21 އިންނެވެ. ދެ ވަނަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25- 4 އިންނެވެ. އަދި ފަހު ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-11 އިންނެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާއެވެ.
މިފަހަރުގެ މުބާރާތުގައި އަންހެން ޑިވިޒަންގެ ޖުމްލަ ފަސް ޓީމް ވާދަކުރެ އެވެ. އެޓީމް ތަކަކީ އައިލެންޑް އޯޝަން ކުލަބާއި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ކުއީން ސްޕޯޓްސް ކުލަބް އަދި ވެލޯޒިޔާ އެވެ.
ވޮލީ އެސޯސިއޭޝަނުން ބުނީ މުބާރާތުގެ އަންހެން ޑިވިޜަން ކުރިޔަށްދާނީ ލީގު އުސޫލުން އެއްބުރު ކަމަށާއި އެބުރު ނިމޭއިރު އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ވާނެ ކަމަށެވެ. އަދި ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ވާނީ މުބާރާތުގައި ދެން އެންމެ ރަނގަޅަށް ނަތީޖާ ނެރޭ ދެ ޓީމަކާއެކު ކުލޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.