27 Oct 2013, 20:48
ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ހަމަޖެއްސެވި އަލީ ރަޝީދު ހުސައިނަށް އިސްގާޒީ ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފި އެވެ.
މިއަދު ހަވީރު ޖުޑީޝަލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ރަޝީދަށް އިސް ގާޒީ ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންނެވެ.
އަލީ ރަޝީދުގެ އިތުރުން އެކޯޓުގައި މިހާރު ތިއްބެވި ގާޒީންނަކީ ގާޒީ އައިޝާ ސުޖޫން މުހައްމަދާއި ގާޒީ ހާތިފް ހިލްމީ އާއި ގާޒީ އަބްދުﷲ ޖަމީލް މޫސާގެ އިތުރުން ގާޒީ އަބްދުﷲ އަލީ އާއި ގާޒީ މަރިޔަމް ނިހާޔަތުގެ އިތުރުން ގާޒީ އަލީ ނަސީރު އެވެ.
އަލީ ރަޝީދަކީ މީގެކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސިވިލް ކޯޓަށް އަލަށް އައްޔަންކުރެއްވި ދެ ގާޒީންނަށް ވަނީ މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފަ އެވެ. އެ ދެ ބޭފުޅުންނަކީ ގދ.ފިޔޯރީ ލަންސިމޫގެ ފަރުހާދު ރަޝީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގއ.ގެމަނަފުށި ދުބުރިމާގޭ ހުސައިން މަޒީދެވެ. އެދެބޭފުޅުންނާއި އެކު ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި މިހާރު ތިއްބަވާނީ އަށް ބޭފުޅުންނެވެ.